އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ހުށަހަޅުއްވައިފިއެވެ.
މިއަދު ހައިތަމް ހުށަހެޅުއްވި ބިލާއެކު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަބީ ސިޓީއެއްވެސް ފޮނުއްވާފައެވެ. އެ ސިޓީގައި ބުނެފައި ވަނީ އިޒްރޭލުން 1948 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ލާ އިންސާނީ އަމަލުތައް ހިންގަމުން ގެންދާ ކަމަށާއި އެފަދަ ގައުމެއްގެ ޕާސްޕޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ނަމުގައި ރާއްޖެ ކަހަލަ ސައްތައިން ސައްތަ މުސްލިމް ގައުމަށް އައުމަކީ އިންތިހާއަށް ކަންބޮޑުވެ ބިރުގަންނަން ޖެހޭ ކަމެއް ކަމަށެވެ.
އެހެންކަމުން އިޒްރޭލުން މީހުން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ކަމާ ގުޅޭ އިދާރާތަކަށް ހައިތަމް ވަނީ ގޮވާލައްވާފައެވެ. ހައިތަމް ވިދާޅުވީ އިޒްރޭލުގެ އަނިޔާތަކާ ގުޅިގެން ފަލަސްތީންގެ އެތައް ބަޔަކު ޝަހީދުވެ މުޅި އުމުރު ގޯތި ގެދޮރު ގެއްލި ރެފިއުޖީންނަށް ބަދަލުވެފައިވާ ކަމަށެވެ.
“އެ އަނިޔާތަކުގެ ސަބަބުން ފަލަސްތީނުގެ ތުއްތު ކުދިންނާއި އާންމު ރައްޔިތުން ޝަހީދު ވެފައިވާއިރު ބައެއް މީހުން ވަނީ އުމުރު ދުވަހަށް ރެފިއުޖީންނަށް ބަދަލުވެފަ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާ އިންސާނީ ކަންކަމަކީ އިންސާނީ ހައްގުތަކާ ދެކޮޅު ކަންކަން،”
އިޒްރޭލުގެ ޔަހޫދިން ހިންގާ ލާ އިންސާނީ އަމަލުތައް ހަރުއަޑުން ކުށްވެރިކުރާކަމަށް ވެސް ހައިތަމް ވަނީ ވިދާޅުވެފައެވެ.
އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ގިނަ ގައުމު ތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ހަނގުރާމަ ވީ އެންމެ އަވަހަކަށް ހުއްޓާލުމަށް ގޮވާލަުމްނެވެ. މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން މެދު ނުކެނޑި ދެމުންގެންދާ ހަމަލާތަކުގައު އެތައް ސަތޭކަ ކުޑަކުދިންނާއި އަންހެނުން ވަނީ ޝަހީދުވެފައެވެ. އަދި ރޭގެ ވަގުތެއްގައު ގާޒާގެ ހޮސްޕިޓަލަށް އަމާޒުކޮށް ދިން ހަމަލާގައި އެކަނިވެސް 800 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފައެވެ.