ގާޒާގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއި ހޯދާ ދިނުމަށް އިޒްރޭލާއި ފަލަސްތީނާ ދެމެދު އެއްބަސް ވުމެއް ގާއިމް ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް މިގޮތަށް ގޮވާލައްވާފައި ވަނީ ގާޒާގެ މެދުތެރޭގައި އޮންނަ އަވަށެއް ކަމަށްވާ އަލް ޒައިތޫން ގައި ހުންނަ ބެޕްޓިސްޓް ހޮސްޕިޓަލް، (އަލް އަހްލީ އަރަބް ހޮސްޕިޓަލް) އަށް ރާއްޖެ ގަޑިން ރޭ 9:30 ހާއިރު، ބޮމުގު ވަރުދަގަ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.

އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ހޮސްޕިޓަލްތަކުގެ އިތުރުން ހަނގުރާމައިގައި ބައިވެރި ނުވާ މައުސޫމް ކުޑަކުދިންނާއި މީހުންނަށް ހަމަލާތައް އަމާޒު ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާވެސް ހިލާފު އަމަލެއް ކަމަށެވެ.

އަދި ހަނގުރާމު ހުއްޓާލުމަށް ބާރު އަޅައިދިނުމަށް ދުނިޔޭގެ މުޖްތަމައުގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރޭގެ އުދުވާނީ ހަމަލާ ވަނީ އަދާލަތު ޕާޓީންވެސް ކުށްވެރި ކޮށްފައެވެ. އެކަން ކުށްވެރިކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެދުނުކެނޑި 11 ދުވަސް ވަންދެން ވައިގެ މަގުން ގާޒާއަށް ހަމަލާދީ ސުންނާފަތި ކޮށްފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދުކޮށް، އެތައްހާސް ބަޔަކު ޒަހަމްކޮށް، އެ ތަނަކީ އިންސާނުން ދިރިއުޅުމަށް އެކަށީގެން ނުވާ ތަނަކަށް ހަދާފައި ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އަދި ހަމައެހެންމެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފެނާއި ކާނާއާއި ބޭސްފަރުވާއާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮދިނުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ހުރަސްއަޅާ، ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ބޮންއަޅާ 900 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަކީ އެއްވެސް މިންވަރަކަށް ދެބަސްވެ ދެކޮޅުހެދެންނެތް، ބައިނަލްއަގްވާމީ ގާނޫނުތަކާވެސް ހިލާފު ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އަދާލަތު ޕާޓީން ވަނީ ސިފަކޮށްފައެވެ.

އަދި ބައިނަލްއަގުވާމީ މުވައްސަސާތަކުން އެ މައްސަލަތައް ބަލާ، އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި އިޒްރޭލުން ހިންގަމުންދާ އުދުވާނަށް ވާގިވެރިވެ ކުށެއްނެތް ކުޑަ ކުދިން މެރުމަށް އެހީތެރިވެ ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ހުޅަނގުގެ ގައުމުތަކުން ވަގުތުން އެކަން ހުއްޓާލުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

ރޭގެ އުދުވާނީ ހަމަލާއާ ގުޅިގެން މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ބަޔާނެއް ނެރެފައި ވާއިރު އެ ބަޔާނުގައި ވެސް ގާޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރާ ހަމާސް ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރަން ވަނީ ފަށާފައެވެ. އަމިއްލަ ގައުމު ދިފާއު ކުރުމަށް ކަމަށް ބުނެ އިޒްރޭލުން ހަމަލާތައް ދެމުން ދާއިރު އެ ހަމަލާތަށް މިހާރު ވަނީ ހައްދު ފަހަނައަޅާ ގޮސްފައެވެ. ރޭ އިޒްރޭލުގެ އަސްކަރިއްޔާ އިން ދިން މި ހަމަލާގައި 900 އެއްހާ މީހުން ޝަހީދު ވެފައި ކަމަށް ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ރައީސް މަހްމޫދު އައްބާސް ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން ބައެއް ގައުމުތަކުގައި އަޑު އުފުލާ، އިހުތިޖާޖު ވެސް ވަނީ ކޮށްފައެވެ. އަދި ގިނަ ބަޔަކު ޔަހޫދީން ދިން ހަމަލާ ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.