ޓްރީ ޓޮޕް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ނަސީމް ފައުޒީ އަށް ފަރުވާ ނުލިބި ލަސްވެ، އެ ހޮސްޕިޓަލުގެ އިހުމާލުން އޭނާ މަރުވި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ނަސީމް މަރުވީ ލިބެން ޖެހޭ އެކަށީގެންވާ ފަރުވާ ނުލިބި ލަސްތަކެއް ވެގެން ކަމަށާއި އެކަމުގައި ޓްރީޓޮޕްގެ އިހުމާލު ބޮޑު ކަމަށް އާއިލާއިން ބުނެއެވެ. ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ނަސީމްގެ ހާލު ގޯސްވެ، ޓްރީ ޓޮޕަށް ގެންދިއުމުން އިހުމާލު ވެފައިވާ ކަމަށް ބުނެ ޓްރީ ޓޮޕް ކުރިމަތީގައި އެ އާއިލާގެ ފަރާތުން އިހުތިޖާޖުވެސް ކުރިއެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ތަރުޖަމާން އައިމިނަތު ސަތުފާ ވިދާޅުވީ، ނަސީމަށް ޓްރީޓޮޕުން އިހުމާލުވި މައްސަލަ މިނިސްޓްރީން ބަލަމުންދާ ކަމަށާއި މީގެ އިތުރުން ސޯޝަލް މީޑިއާގައި ޓްރީ ޓޮޕާ ގުޅިގެން ދައުރުވަމުންދާ ޕޯސްޓުތައް ވެސް މިނިސްޓްރީގެ ސަމާލުކަމަށް އައުމުން، އެ މައްސަލަތައް ބަލަމުންދާ ކަމަށެވެ.
ނަސީމްގެ އާއިލާއިން ބުނަމުން ދަނީ ނަސީމްގެ ހާލަތާ ގުޅޭ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން އެކަށީގެންވާ މައުލޫމާތު އާއިލާއަށް ފޯރުކޮށްދީފައި ނުވާ ކަމަށާއި ނަރުހުންނާއި ޑޮކްޓަރުންވެސް އެޓެންޑްވެފައި ވަނީ ލަހުން ކަމަށެވެ. އަދި ނަރުހުންނަށް ގޮވުމަށްޓަކައި ފިއްތަން ދީފައިވާ ބެލްވެސް މަސައްކަތް ނުކުރާ ކަމަށް ނަސީމާ ހަވާލާދީ އާއިލާއިން އަންނަނީ ބުނަމުންނެވެ.
ނަސީމްގެ ހާލު ރަނގަޅު ކަމަށް ޓްރީ ޓޮޕުން ބުނި ނަމަވެސް ނަސީމް ބުނަމުން ދިޔައީ އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް ވެސް އާއިލާއިން ބުނެއެވެ. ނަސީމްގެ ހާލާއި ވެފައި ވަނީ ކީއްކަން އެނގުނީ އައިޖީއެމްއެޗަށް ބަދަލުކުރުމުން ކަމަށާއި އައިޖީއެމްއެޗަށް ބަދަލު ކުރެވުނުއިރު ވެސް ހާލު ކްރިޓިކަލް ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށްވެސް އާއިލާއިން ބުނެއެވެ.
ޓްރީ ޓޮޕުން ދިން ހުލާސާ ރިޕޯޓްގައި ވެސް ވަނީ ތެދު މައުލޫމާތު ނޫން ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ. ހާލު ދަށްވެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:26 ގައި ނަސީމް މަރުވީ ފަންގަލް އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމަތީގައި ކޮންމެ ދުވަހަކު އާއިލާއިން އިހުތިޖާޖު ކުރަމުން ދާއިރު އެ މައްސަލަ އެޗްއާރްސީއެމް އަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.
މި ހާދިސާއާ ގުޅިގެން ޓްރީ ޓޮޕްގެ އިހުމާލުން ހިނގާފައިވާ އެކިއެކި ކަންކަން އެކިއެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.
އެކަމާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ރަސްމީކޮށް ހުށަހަޅާ ކޮންމެ ޝަކުވާއަކާއި ކަންބޮޑުވުމެއް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ވީ އެންމެ އަވަސް މުއްދަތެއްގައި ތަހުގީގު ކުރާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގެ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ޓްރީ ޓޮޕުން ވަނީ އެދިފައެވެ.