ރޭގެ ވަގުތެއްގައި ގާޒާގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާގައި 900 މީހަކު ޝަހީދު ވި ހާދިސާއާ ގުޅިގެން ނުރުހުން ފާޅުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް ބާއްވަން މަސައްކަތް ފައްޓްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނަމަވެސވެސް މި އެއްވުން ބާއްވާނެ ދުވަހެއް އަދި އިމްރާން ހާމައެއް ނުކުރައްވައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން މިހެން ވިދާޅުވެފައި ވަނީ، ރޭ ޓީވީ މެދުވެރިކޮށް ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ދެއްކި ވާހަކައާ ގުޅިގެންނެވެ.

އޭނާ ބުނީ، ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާ ދީ އެތައް ސަތޭކަ ބަޔަކު ޝަހީދު ކޮށްލި ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާ އިން ކަމަށެވެ. އެ ހަމަލާގެ ސަބަބުން ދުޝްމަނުންގެ އަނިޔާވެރިކަމާއި ބަލިކަމުގެ އިހުސާސް ކުރެވޭ މިންވަރު ޔަގީންވެއްޖެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ހަމަލާ ވެގެން ދާނީ "އާ ޓާނިން ޕޮއިންޓަކަށް" ކަމަށް ވެސް އޭނާ ބުންޏެވެ.

ހަނިއްޔާ ވަނީ ފަލަސްތީނުގެ ހުރިހާ ރައްޔިތުން ނިކުމެ ވަޒަންވެރިންނާ ކުރިމަތިލުމަށް ގޮވާލާފައެވެ. އަދި އިޒްރޭލާ ދެކޮޅަށް ހުރިހާ އަރަބި އަދި މުސްލިމް ގައުމުތަކުން މަގު މައްޗަށް ނިކުމެ މުޒާހަރާ ކުރުމަށް ވެސް އޭނާ ގޮވާލިއެވެ.

ރާއްޖެ ގަޑިން ގާތްގަނޑަށް 9:30 ހާއިރު، ގާޒާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ އަލް ޒައިތޫން އަވަށުގައި ހުންނަ ބެޕްޓިސްޓް ހޮސްޕިޓަލް، (އަލް އަހްލީ އަރަބް ހޮސްޕިޓަލް) އަށް ވަނީ މިސައިލް ހަމަލާއެއް ދީފައެވެ. މި ހަމަލާގައި 900 އެއްހާ މީހުން ޝަހީދު ވެފައިވާ ކަމަށް ފަލަސްތީންގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނެއެވެ.