ކީރިތި ޤުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހިބަހުން އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިއާޔަތް ކޮށް، ސައުދީ އިން ނެރެފައިވާ އައްތަފްސީރުލް ވާޟިހުލް މުޔައްސިރު، ދިވެހިބަހަށް ތަރުޖަމާ ކޮށް އެ ފޮތް ދިވެހިންނަށް ހަދިޔާ ކުރަން ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.

ގާސިމް ވިދާޅުވީ، މި ތަފްސީރު ހަދީޔާކުރީ ދަރިވަރުންނާއި، ދީނީ އިލްމުވެރިންނާއި، އެންމެހާ ދިވެހި އަހުންނާއި އުހުތުންނަށް ކަމަށެވެ. އެ ފޮތުގެ ވެބްވާޝަން ވެސް ލިބޭނެ ކަމަށް ގާސިމް ވިދާޅުވެ ވެބްލިންކް ވަނީ ހިއްސާ ކުރައްވާފައެވެ.

ފަސޭހަ ތަފްސީރު ނަމުގައި އެކުލަވާލާފައިވާ އެ ފޮތަކީ 6 ވޮލިއުމް ގެ މައްޗަށް އެކުލެވިގެންވާ ތަފްސީރެކެވެ. ލަސްތަކެއް ނުވެ އެ ފޮތް ޗާޕް ކޮށް ދިވެހިރާއްޖޭގެ ގިނަ ގޭބިސީތަކަށް ތަފްސީރުގެ ކޮޕީ އެއް ހަދިޔާ ކުރައްވަން ނިންމަވާފައިވާ ކަަމަށް ގާސިމް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ރޭ މި ފޮތުގެ ޑެސްކްޓޮޕް ވާޝަންގެ ސޮފްޓް ލޯންޗިން ވާނީ އިފްތިތާހް ކޮށްފައެވެ. އަދި ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި މިއަދު އެ ފޮތުގެ ވެބްވާޝަން ފުރިހަމަ ކޮށް މިރެއިން ފެށިގެން އާންމު ކޮށްފައިވާ ކަން ހާމަ ކުރައްވައި އެކަން ކާމިޔަބު ކުރެވުނީތީ ހަމްދު ކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި މި މަސައްކަތުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ހިތުގެ ފުން މިނުން ގާސިމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.