މިދިޔަ މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރާގަވް ޗައްޑާ އާއި ކައިވެނިކުރި ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ ރާއްޖެ އަތުވެއްޖެއެވެ.

ވަލްޑޯސް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ހިތްގައިމު މާހައުލުގައި ޕަރިނީތީ ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ގޮތުގެ ވީޑިއޯ އާ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އިންސްޓާ އަށް އޭނާ ކުރި ފޮޓޯ ޕޯސްޓެއްގައި ބުނީ ރާއްޖެ އާދެވިއްޖެ ކަމަށާއި އެކަމަކު މިއީ ހަނީމޫން ދަތުރެއް ނޫންކަމަށެވެ. މިދަތުރަކީ ހުރިހާ އަންހެން ކުދިންނާއެކު ހަދާލާ "ގާލްސް ޓްރިޕް"އެއް ކަމަށެވެ. ބަތަލާ އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވާ ތަރިއެކެވެ.

މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ޕަރިނީތީ އާއި ރާގަވް އެންގޭޖްވިއިރު އެންގޭޖްވެ ތިން މަސްފަހުން ދެމީހުން ވަނީ ކައިވެނިކޮށްފައެވެ. ޕަރިނީތީ އާއި ރާގަވް އަކީ ވަރަށް ކުރީއްސުރެ ވެސް ގާތް އެކުވެރިންނެވެ. މިދެމީހުން ލަންޑަނުގައި އެއްކޮށް ކިޔަވަން އުޅުމުގެ ތެރޭގައި ދިމާވެ އެކުވެރިވިއެވެ. އަދި އެންމެފަހުން އެ ގުޅުން ލޯތްބަށް ބަދަލުވެ އިއްޔެ އެންގޭޖްވެސް ކުރީއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "ލޭޑިސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕަރިނީތީ ވަނީ އާންމުން ބަލައިގަންނަ ފެންވަރުގެ މޮޅު ފިލްމުތަކެއް ކުޅެ އޭނާގެ ހުނަރު ދައްކާލާފައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މި މަހު ކުރީކޮޅު ރިލީޒްކުރި "މިޝަން ރާނީގަންޖް" އިންނެވެ.