ކުޑަ އިންޖީނު ދޯންޏެއްގައި އދ. ދަނގެތިން މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު އެ ރަށު މޫންލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހީމް (ޔޫސުބެ) ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް އިން ބަލައިފިއެވެ.

އަބަދުވެސް މަސްވެރިކަމަށް ލޯބި ކުރާ ޔޫސުބެ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 11:42 އެހާއިރު އެވެ. އޭރުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް ފެނިފައި ނުވާތީ އިއްޔެ ވަނީ ޔޫސުބެ ހޯދުމަށް އެމްއެންޑީއެފް އިން ބޮޑު އަދި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ.

މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް ކަނޑާއި ވައިގެ މަގުން ޔޫސުބެ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާއިރު މިހާތަނަށް ފީނައިގެން 78،850 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ވައިގެ މަގުން 156.87 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއްގެ އިތުރުން ކަނޑުމަގުންވެސް 4.11 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

ޔުސުފް އިބްރާޙިމް ހޯދުމަށް އެމްއެންޑީއެފް އިން ސާފޭސް ސާޗްގެ ގޮތުގައި ބެލި ސަރަހައްދު

ހޮނިހިރު ދުވަހުގެ ފަތިހު ޔޫސުބެ މަސްވެރިކަމަށް ނުކުތީ ކުޑަ އިންޖީނު ދޯންޏެއްގައި އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. ނަމަވެސް މަހަށް ނުކުތްތާ މާ ގިނައިރުތަކެއް ނުވެ އޭނާ މަހަށް ނުކުތް ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް ބަޔަކަށް ފެނިފައި ވެއެވެ. ނަމަވެސް ޔޫސުބެގެ ހިލަމެއް ނެތެވެ. މަހަށް ދިޔައިރު އޭނާ ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ.ދަނގެތީގެ ޑައިވަރުންނާ ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް 'ހަކުރާ' އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ދަނީ ބައިވެރި ވަމުންނެވެ. އަދި ވައިގެ މަގުން އޭނާ ހޯދުމަށް ޑޯނިއާ އެއާކްރާފްޓްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ވަނީ ޔޫސުފް އިބްރާހީމް އާއި ބެހޭ އެއްވެސް ހަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފައެވެ. އަދި ޔޫސުފް އިބްރާހީމް އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ގުޅުމަށްވެސް ވަނީ އެދިފައެވެ.