ސިއްހީ ދާއިރާ މިހާރު އޮތް ހާލަތު ދެމިގެން ގޮސްފިނަމަ އަންނަ މަހުގެ މެދާ ހިސާބަށް ދާއިރު ގިނަ ހިދުމަތްތަކެއް ހުއްޓުން އެކަށީގެން ވާކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ސިއްހީ ދާއިރާގައި އަމަލު ކުރަމުންދާ އުސޫލަކީ ކޮންމެ އަހަރަކު 2 ފަހަރު ކޮންސިއުމަބަލްސް އޯޑަރު ކުރުން ކަމަށެވެ. ނަމަވެސް މިއަހަރުގެ މިހަތާނަށް އައިއިރު މި އަހަރުގެ 2 ވަނަ 6 މަސް ދުވަހަށް ބޭނުންވާ ކޮންސިއުމަބަލްސް އަށް އޯޑަރު ކޮށްފައި ނުވާ ކަަމަށެވެ.
އޭގެ ސަބަބުން ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ބައެއް ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރުތަކުގެ ހިދުމަތް ހުއްޓުމަކަށް އަންނަމުން ދާކަން މިހާރު ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިހާރު މިއޮތް ހާލަތު މިގޮތަށް ދެމިގެން ހިނގައްޖެނަމަ އަންނަ މަހުގެ މެދާ ހަމައަށް ދާއިރު ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރު ތަކުގައި ދެމުންދާ ވަރަށް ގިނަ ހިދުމަތްތައް އެއްކޮށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން މިހާރު ހިދުމަތްތައް ދެމުން ދަނީ އެމަޖެންސީ ސްޓޮކްގެ ތެރެއިން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ކޮންސިއުމަބަލްސް އަށް އޯޑަރު ނުކުރެވި ވަނީ ބަޖެޓުގެ ތެރެއިން ހަމަޖެހެންޖެހޭ ފައިސާ ހަމަޖެހިފައި ނުވުމުން ކަމަށެވެ. އަދި އެތަކެތި ނުލިބި ލެބޯޓަރީއާއި ހޮސްޕިޓަލުން ދެމުން އަންނަ އެހެނިހެން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި މައި ހޮސްޕިޓަލްތަކާ މުއާމަލާތް ކުރުމަށް ކޮންމެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެތަންތަނާ މުއާމަލާތު ކޮށްގެން އެތަންތަނުގެ ހާލަތު އިތުރަށް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.