އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ހައްދު ފަހަނާ އަޅާ ގޮސްފައިވާ މި ދަނޑިވަޅުގައި ވަލު ޖަނަވާރުންގެ އިންސާނިއްޔަތުކަން ވެސް މި ކުޑަކުޑަ ވީޑިއޯއ ކްލިޕުން ފެނިގެން ހިނގައްޖެއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަލަމާތަކަށް ހަފްތާއެއް ވެފައި ވާއިރު ޝަހީދުވި މީހުންގެ އަދަދު ވަނީ 2000 ފަހަނާ އަޅާ ގޮސްފައެވެ. އަމިއްލަ ދިފާއުގައި ކަމަށް ބުނެ އިޒްރޭލުން ދެމުންގެންދާ މި ހަމަލާތަކުގައި ޝަހީދު ވި ކުދަކުދިންގެ އަދަދު 1000 އަށް އަރާފައި ވާ އިރު އޭގެރެއިން 500 އަކީ ތުއްތުތުއްތު ކުދިންނެވެ.
ހިތް ފަޅައިގެންދާފަދަ އެތައް ވީޑިއޯއެއް ސޯޝަލް މީޑިއަާގައި ދައުރުވަމުން ދާއިރު މި ކުރު ވީޑިއޯ ކްލިޕުން ފެނިގެން ދަނީ އިޒްރޭލުން ފަލަސްތީނަށް އަމާޒު ކުރި ހަމަލާއެއްގައި ޝަހީދުވި ކުޑަކުއްޖަކު އުރާލައިގެން މީހަކު ގޮނޑިއެއްގައި އިންނަ މަންޒަރެވެ. އެ ކުޑަ ކުއްޖާ މީހެއްގެ އަތް ދަނޑިމަތީގައި އޮއްވާ ކައިރިއަށް ޖެހިލައި ބުޅަލެއް އޭނާގެ އުނގަށް އަރާ އެ ކުއްޖާގެ މޫނުގައި ބޮސްދިނުމަށް ފަހު އެކުއްޖާގެ ގައި މަތީ އޮށޯވެ ފިރުމާ މަންޒަރެވެ. އަދި މަޑުން އޮވެ ދެލޯ މަރާލައި އެ މަންޒަރަކީ ހިތްފަޅައިގެން ދާ ވަރުގެ އަސަރުގަދަ މަންޒަރެކެވެ. ޔަހޫދީންގެ ކިބައިން ނުފެންނަ އިންސާނިއްޔަތުކަން މިފަހަރު ދައްކުވާ ދިނީ ބުއްދީގެ ހަމަ ކަމެއް ނެތް ބުޅަލެކެވެ.
މިފަދަ ހައިރާން ކުރުވާ އެތައް މަންޒަރުތަކެއް ޖަނަވާރުންގެ ކިބައިން ފެންނަމުން ދާއިރު ފާހަގަ ކޮށްލެވޭ އަނެއް ވީޑިއޯއަކީ އިޒްރޭލުގެ ދިދައެއް ހޮޅިދަނޑިއަކަށް ނަގާފައި ހުއްޓާ ކާޅޭއް، އޭގެ ތުމުން ދިދަ ވީދާ ބިންމައްޗަށް ވައްޓާލާ މަންޒަރެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިފައި ވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިޒްރޭލާ ދެކޮޅަށް އޮކްޓޯބަރު 7، 2023 ވީ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެންނެވެ.
ހަމާސް އިން ބުނާ ގޮތުގައި އިޒްރޭލަށް އަމާޒުކޮށް އެ ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިމެއް ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށް ދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރު ކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.
މިހަމަލާ ބަދަލު ކުރުންތައް އަދިވެސް ކުރިއަށް ދާއިރު، ހަނގުރާމަ ހުއްޓާލުމުގެ ކޮޅުމައްޗެއް ނުފެނެއެވެ. އަދި އިޒްރޭލު ސިފައިން ދަނީ އެއްގަމު މަގުން ގާޒާއަށް އެރުމަށް ތައްޔާރު ވަމުންނެވެ. ހަމާސް ޖަމާއަތުގެ އެއްވެސް މުޖާހިދެއް ދުނިޔޭގައި ނުބަހައްޓާނެ ކަމަށް ޔަހޫދީން ބުނި ނަމަވެސް އެމީހުންނަށް ހަމަލާ ދިނުމުގެ ބަދަލުގައި ފެންނަމުން ދަނީ ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް ހަމަލާތައް އަމާޒު ކުރާ ތަނެވެ.
ގާޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މިހާތަނަށް 2،300 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަައި ވާ ކަމަށާއި އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށާއި ގާތްގަނޑަކަށް 10،000 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ވައިގެ ހަމަލާތަކުގައި ސަލާމަތްވި މީހުން ހޯދަމުންދާ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.