އެމެރިކާގެ އިލިނޮއިސްގެ ޕްލެއިންފީލްޑްގައި ދިރިއުޅޭ އަދި އެމެރިކާގެ ރައްޔިތުކަން އޮތް ދެމައިންގެ ގަޔަށް އެމެރިކާ މީހަކު ވަޅި ހަރައިފިއެވެ.

އެ ދެމައިންގެ ގަޔަށް އެތައް ފަހަރަކު ވަޅި ހަރާފައި ވާ އިރު އެ ޒަހަމްތަކުގައި އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ.

އުމުރުން 32 އަހަރުގެ އޭނާގެ މަންމައަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ނާޒުކު ކަމަށް ވެސް ހަބަރު ލިބެއެވެ.

މި ނުބައި ޖަރީމާ ހިންގާފައި ވަނީ އުމުރުން 71 އަހަރުގެ ޖޯސެޕް ޒޫބާ ކިޔާ މީހެކެވެ.

މި ހާދިސާ އާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ، އެއީ 'ސިކު' އަމަލެއް ކަމަށާއި އެމެރިކާ އަކީ އެމީހަކު ނިސްބަތްވާ ދީނަކުން، އަޅުކަން ކުރާ ގޮތަކުން ބިރެއް ނެތި އުޅެވޭނެ ގައުމެއް ކަމަށާއި އެފަދަ ނުބައި އަމަލުތަކަށް އެމެރިކާގައި ޖާގައެއް ނެތް ކަމަށެވެ.

އެހެން ކަމުން އެމެރިކާގެ ރައްޔިތަކަށް ވީތީ، އެންމެން އެކަތިގަނޑަކަށް ވެ އިސްލާމުންނާ މެދު ނަފްރަތު އުފެއްދުމާއި ރުޅިވެރިކަން އުފެއްދުމާ ދެކޮޅު ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

މި ހަމަލާ ދިން މީހާ ހައްޔަރު ކޮށް ވަނީ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރާލަން އުޅުނު ކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި ހާދިސާގައި އަނިޔާލިބުނު ދެމައިންނަކީ ހަމަލާ ދިން މީހާގެ އިމާރާތެއްގައި ދިރިއުޅެމުން ދިޔަ ދެމައިންނެވެ.

ހަމަލާ ދިން ވަގުތު އޭނާ އެ ކައުންޓީގެ ޝެރިފުންނަށް ގުޅާ ރިޕޯޓް ކުރި ކަމަށާއި، ހަމަލާއިން ސަލާމަތް ވުމަށް ފާހާނާއަށް ވަދެ ހަމަލާ ދިން މީހާއާ ކުރިމަތި ލި ކަމަށް ވިލް ކައުންޓީ ޝެރިވް ވަނީ ވިދާޅުވެފައެވެ.

އިތުރަށް އޭނާ ވިދާޅުވީ، އޮފިސަރުން ސީން އަށް ދިޔަ އިރު ދެމައިން ވެއްޓިފައި ތިބިތަން ފެނުނު ކަމަށާއި ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރާފައި ހުރި ކަމަށެވެ. އެގޮތުން މެޔާއި މަތިހަށީގެ އެތަން މިތަނަށް ހަމަލާދީފައި ހުރި ކަމަށް ބުނެފައި ވެއެވެ.

މަރުވި 6 އަހަރުގެ ކުއްޖާގެ ހަށިގަނޑުގެ އެތަން މިތަނަށް 26 ފަހަރު ވަޅިހަރާފައި ހުރި ކަމަށް ވެސް ބުނެފައި ވެއެވެ.

މިހަމަލާ ދިނީ މިހާރު އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުން ދާ ހަމަނުޖެހުންތަކާ ގުޅިގެން މުސްލިމުން ދެކެ އަންނަ ރުޅީގައި ކަމަށް ހަބަރުތައް ބުނެއެވެ.