އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި އާ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓު އެކުލަވާލުމަށްޓަކައި އަށް މެންބަރުންގެ ކޮމިޓީ އެއް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުުގެ ފަރާތުން އެކުލަވާލައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ، ބަޖެޓު އެކުލަވާލުމަށް އިންތިހާބީ ރައީސް އެކުލަވާލެއްވި ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ އަދަދު 8 އަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ނަންތައް ހާމަކުރައްވައިފައެވެ. އެ ބޭފުޅުންނަކީ:
- މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
- ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު
- ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން
- ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
- ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު
- މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު
- އިކޮނޮޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުވެއިޒް
- ޕެންޝަން އޮފީހުގެ ކުރީގެ ބޯޑު މެންބަރު އަބްދުލް ހަލީމް އަބްދުއްލަތީފް
އެ ބޭފުޅުންގެ ތެރެއިން ބަޖެޓު ކޮމިޓީގެ ޗެއާ ކަމަށް ކަނޑައަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ކަމަށް، ފިރުޒުލް ހާމަކުރެއްވިއެވެ.
ފިރުޒުލް ވިދާޅުވީ، އެ ކޮމިޓީގެ މަސައްކަތްތައް މިދިޔަ ހަފްތާގައި ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރަށް ބަޖެޓު އެކުލަވާލާނީ އިންތިގާލީ ކޮމިޓީތަކުން މުއައްސަސާތަކަށް ގޮސް އެއްކުރާ މައުލޫމާތުތަކަށާއި މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ މައްޗަށް ބެލުމަށް ފަހުގައެވެ.
އަދި އާ ސަރުކާރުގެ ފުރަތަމަ ބަޖެޓުގެ ޖުމްލަ ކަނޑައެޅިފައި ނުވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.