ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވާ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި ދުވަސް ގުނާ އިރު ހޮނިހިރު ދުވަސް ވެސް ހުކުރު ދުވަހެކޭ އެއްފަދައިން ނުގުނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގައިފިއެވެ.
ސީއެސްސީން މިހެން ބުނެފައި ވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވާ މުވައްޒަފުންގެ އަހަަރީ ޗުއްޓީ ހަދާ އިރު، ހޮނިހިރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި އޮތް ނަމަވެސް އެ ދުވަސް ހިމަނައިގެން ޗުއްޓީ ދުވަސް ގުނާ ކަމަށް އެ ކޮމިޝަނަށް ފާހަގަ ވެފައި ވުމުންނެވެ.
އެކަމާ ގުޅިގެން ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ސޮއި ކުރައްވާ، ސަރުކާރުގެ މަސްއޫލިއްޔަތު އޮފީސްތާކައި އިދާރާތަަކަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީއެއްގައި ބުނެފައި ވަނީ، ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވާ މުވައްޒަފުންގެ އަހަރީ ޗުއްޓީ ގުނުމުގައި ހޮނިހިރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ގުނައިގެން އަހަރީ ޗުއްޓީ ހަމަޖެއްސުމަށް އަންގާ ކަަމަށެވެ. އަދި މި މިންގަނޑާ ހިލާފަށް އަހަރީ ޗުއްޓީ ހަމަޖައްސާފައިވާ މުވައްޒަފުންގެ ޗުއްޓީގެ ދުވަސްތައް މި މިންގަނޑަށް ރިއާޔަތްކޮށް އެޖެސްޓް ކުރެއްވުމަށް ވެސް އެ ސިޓީގައި ވަނީ އަންގާފައެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެކެވެ. އެހެންކަމުން އަހަރީ ޗުއްޓީ ދުވަސްތައް ގުނާ އިރު، އެ ދުވަސްތައް ގުނަނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.