އިންޑިއާގެ ބޭންކް އޮފް ބަރޯޑާއިން ވަނީ އެ ބޭންކުގެ އެޖެންޓުންނަށް ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ވަގަށް ނެގުން ފަސޭހަ ކޮށްދީފައެވެ. އޭގެ ތެރެއިން 362 ކަސްޓަމަރުންގެ އަތުން 2.2 މިލިއަން ރުޕީސް (27،000 ޑޮލަރު) ވަގަށް ނަގާފައިވާ ކަމަށް ބޭންކުގެ އިންޓާނަލް އޮޑިޓް ރިޕޯޓާއި ރެކޯޑްތަކުން ވަނީ ހާމަވެފައެވެ.

މިކަން ކޮށްފައި މިވަނީ ބޭންކުގެ އާ މޮބައިލް ބޭންކިން އެޕްލިކޭޝަން، ބޮބް ވޯލްޑްގައި އޮންބޯޑް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން މޯބައިލް ނަމްބަރެއް ޖަހާފައި ނެތް ކަސްޓަމަރުންގެ އެކައުންޓްތަކަށް ނަމްބަރެއް ލިންކް ކޮށްގެންނެވެ. މި މޯބައިލް ނަމްބަރުތަކަކީ ބޭންކުގެ މުވައްޒަފުންނާއި މެނޭޖަރުންނާއި ގާޑުންނާއި އެމީހުންގެ ގާތް ތިމާގެ މީހުންނާއި ދުރު ހިސާބުތަކުގައި ތިބި ބޭންކް އެޖެންޓުންގެ ނަންބަރުތަކެވެ.

އެ ބޭންކުގެ އެޕްލިކޭޝަނުގައި ރަޖިސްޓްރީ ކުރުން އިތުރު ކުރުމަށް ހަދާފައި ވާ އުކުޅުތަކުގެ ސަބަބުން އައިޑެންޓިޓީ ވަގަށް ނަގައި، ކަސްޓަމަރުންގެ ފައިސާއަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތި ވެފައެވެ. ބޭންކުން މިދިޔަ އަހަރު ކޮށްފައިވާ އިންޓާނަލް އީމެއިލްތަކުގައި ވެސް މިކަން ހިނގަމުން އަންނަ ކަމަށް އިއުތިރާފް ވެފައި ވާކަން ސާބިތުވެއެވެ. "މިއީ މަކަރާއި ހީލަތް ހެދުމުގެ ފުރުސަތު އޮތް ކަމެއް" ނުބައި މޯބައިލް ނަމްބަރުތަކާ ގުޅޭ ގިނަ އީމެއިލް ތަކުގައި ފާހަގަ ކޮށްފައި ވެއެވެ.

މިހާރު ބޭންކުގެ ހެޑް އޮފީހުގެ އެތެރޭގެ ލިޔެކިޔުން ތަކުން ވެސް މި އޮޅުވާލުން ގަބޫލުކޮށް، ބިޒްނަސް ކޮރެސްޕޮންޑެންޓުންގެ ގޮތުގައި ސިފަކުރާ ބޭންކުގެ އެޖެންޓުން މޮބައިލް ބޭންކިން ބޭނުންކޮށްގެން ކަސްޓަމަރުންގެ އެކައުންޓުން އެތައް ހާސް ރުފިޔާއެއް ނަގާފައި ވާކަން ވަނީ އެނގިފައެވެ. އެގޮތުން ހަ ކަސްޓަމަރެއްގެ 110،000 ރުޕީސް (1،330 ޑޮލަރު) އަށް ވުރެ މަތިން ގެއްލުނު އިރު، އެކަކަށް ގާތްގަނޑަކަށް 177،000 ރުޕީސް (2،140 ޑޮލަރު) ވަނީ ގެއްލިފައެވެ. އެއް އެޖެންޓަކު ވަނީ 390،000 ރުޕީސް (4،750 ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައެވެ.

ބަރޯޑާގައި ބޭނުން ކުރަ އެޕް

ބޭންކުގެ ހެޑް އޮފީހުން ވަނީ ކަސްޓަމަރުންގެ އެކައުންޓްތަކުގައި ހުރި ފައިސާ އަނބުރާ ހޯދައިދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ މެނޭޖަރުންނަށް އަންގާފައެވެ.

ބޭންކުން ހިޔާނާތަށް އިއުތިރާފުވެފައި ވަނީ އެ ގައުމުގެ މަރުކަޒީ ބޭންކް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ރިޕޯޓާސް ކަލެކްޓިވް އާއި އަލްޖަޒީރާ ގުޅިގެން ކުރި ތަހުގީގަށް ފަހު އޮޑިޓެއް ހެދުމަށް އަންގާފައި ވަނިކޮށެވެ.

އަންގާރަ ދުވަހު އާރްބީއައި އިން ބުނީ ބޮބް ވޯލްޑްގައި އާ ކަސްޓަމަރުން ރަޖިސްޓްރީ ކުރުން ހުއްޓާލުމަށް ބޭންކް އޮފް ބަރޯޑާއަށް އަންގާފައި ވަނީ "މި މޮބައިލް އެޕްލިކޭޝަނަށް ކަސްޓަމަރުން އޮންބޯޑް ކުރާ ގޮތާ މެދު ބޮޑެތި ކަންބޮޑުވުން ތަކެއް ހުރުމުން" ކަމަށެވެ.

ބޭންކް އޮފް ބަރޯޑާއިން ނެރުނު ގައުމީ އޮޑިޓްގައި ވަނީ ބޭންކުގެ މުވައްޒަފުން އެ އެޕްލިކޭޝަނުގައި ގޯސްކޮށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބެލެވޭ ގާތްގަނޑަކަށް 422،000 އެކައުންޓްގެ ލިޔުންތައް ވެރިފައި ކޮށްފައެވެ. ބޭންކުގެ ބްރާންޗުގެ މުވައްޒަފުން ވަނީ ޖުލައި މަހުގެ 29 އަދި 30 ވަނަ ދުވަހު އެގައުމުގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 7،000 ބްރާންޗްގެ އެކައުންޓްތައް އޮޑިޓްކޮށް، ކޮންމެ މުވައްޒަފަކު ވެސް އެހެން ބްރާންޗެއްގެ ލިޔެކިޔުންތައް އޮޑިޓް ކޮށްފައެވެ.

ބޭންކުގެ ގިނަ މުވައްޒަފުންތަކެއް "ދަ ރިޕޯޓާސް ކަލެކްޓިވް" (ޓީއާރުސީ) އަށް މައުލޫމާތު ދެމުން ބުނީ މި އޮޑިޓަކީ އެކަން ފޮރުވުން ފަދަ ގޯސްތައް ދެނެގަތުމުގެ އޮޑިޓެއް ނޫން ކަމަށެވެ. އަދި އެމީހުންގެ ރީޖަނަލް އޮފީހުގެ އިރުޝާދުގެ ދަށުން އޮޑިޓަށް ބޭނުންވާ ލިޔުންތައް އިންތިޒާމު ކޮށްފައި ކަމަށް އެ މީހުން ބުންޏެވެ.

ބޭންކް އޮޑިޓުންނާއި ފޮރެންސިކް އެކައުންޓިންގެ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި އޮޑިޓްތައް ކުރުމަށް ބޭންކް އޮފް ބަރޯޑާގެ ބްރާންޗުގެ މުވައްޒަފުން ބޭނުން ކުރުމަކީ ގޯހެކެވެ. އެ މީހުން ބުނަނީ އިންސާފުވެރި ތަހުގީގެއް ހިންގުމަށްޓަކައި މި މަސައްކަތް އެހެން ބަޔަކާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

ބޭންކުން އެ ބޭންކުގެ އިންޓާނަލް އޮޑިޓަރުންނަށް މައިގަނޑު ގޮތެއްގައި އަންގާފައިވަނީ އޮންލައިން އެޕް ބޭނުން ކުރުމަށް ކަސްޓަމަރުން އެދިފައިވާ ސިޓީތައް ހޯދުމަށާއި މޯބައިލް ނަމްބަރު އެކައުންޓާ ލިންކް ކޮށްފައިވާ ފޯމުތައް ހޯދުމަށެވެ. މި ފޯމުތައް ހުރުމަކީ ބޭންކުގެ މުވައްޒަފުން މަކަރާއި ހީލަތުން ފައިސާ ވަގަށްނަގަން މަސައްކަތް ނުކުރާކަމުގެ ހެއްކެކެވެ.

ގިނަ މައްސަލަތަކުގައި ލިޔެކިޔުންތައް ފެނިފައި ނުވާ ކަމަށް ޓީއާރުސީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓުތަކުން ދައްކައެވެ.

ބޮޑެތި ފަރަގުތައް

އަށް ސަރަހައްދެއްގެ އޮޑިޓް ރިޕޯޓުތަކުން ދައްކާގޮތުގައި މައްސަލަ ބަލަމުންދާ ބޭންކް އެކައުންޓްތަކުގެ ތެރެއިން ބޮބް ވޯލް ހެދުމަށް އެދިފައިވާ ކަމުގެ ސިޓީތައް ފެނިފައި ވަނީ އެންމެ ތިންބައިކުޅަ އެއްބައި އެކައުންޓުގެއެވެ.

ބޮބް ވޯލްޑްގައި ސޮއިކުރި ގިނަ އެކައުންޓްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ މޯބައިލް ނަމްބަރަކީ އެ ބްރާންޗަށް ނިސްބަތްވާ، ބްރާންޗް މެނޭޖަރު ނުވަތަ "ބިޒްނަސް ކޮރެސްޕޮންޑެންޓްސް" - ބޭންކުގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ އަދި ކަސްޓަމާ ސާވިސް ޕޮއިންޓްތައް މެދުވެރިކޮށް ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކުގައި ބޭންކިން ހިދުމަތް ފޯރުކޮށްދޭ ފްރީލާންސަރުންކަން މި ރިޕޯޓުތަކުން ފާހަގަކުރެއެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ އެކައުންޓްތަކުގައި ނުދަންނަ މީހުންގެ މޯބައިލް ނަމްބަރުތައް ވަނީ ލިންކް ކޮށްފައެވެ. އޭގެ ފަހުން ބޭންކުން ވަނީ އެފަދަ އެކައުންޓްތަކުގައި މޮބައިލް ބޭންކިން ވަގުތުން ބްލޮކް ކުރުމަށް ބްރާންޗް ތަކަށް އަންގާފައެވެ.

އަދި ކަސްޓަމަރަކު އެކައުންޓް ހުޅުވުމުގެ ފޯމުގައި ދީފައިވާ މޯބައިލް ނަމްބަރު ނޫން އެހެން ނަމްބަރެއް އޭނާގެ އެކައުންޓާ ގުޅުވައި ބޮބް ވޯލްޑްގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތަކެއް ވެސް އެބަހުއްޓެވެ.

މީގެ އިތުރުން ބޭންކުގެ އުސޫލުގައި ވާގޮތުން އެއް މޯބައިލް ނަމްބަރު، 8 ބޭންކް އެކައުންޓަކާ ގުޅާލެވޭނެ ކަމަށް ބަޔާން ކޮށްފައި ވާއިރު، އެ ހުރިހާ އެކައުންޓުތަކަކީވެސް އެއް އާއިލާއެއްގެ އެކައުންޓްތަކަށް ވާންޖެހެއެވެ. އޮޑިޓް ރިޕޯޓުތަކުން ހާމަވެފައިވާ ގޮތުގައި މި އުސޫލުތަކާ ހިލާފުވުމުގެ ގިނަ މައްސަލަތަކެއް ވެސް އެބަހުއްޓެވެ.

ޕޭން-އިންޑިއާ ހޯދުންތަކުން ވެސް މި ކަންބޮޑުވުންތައް ހިއްސާކުރާ ތަން ފެނެއެވެ. އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ބޭންކް އޮފް ބަރޯޑާގެ ޗީފް ޖެނެރަލް މެނޭޖަރު ބީ އެލަންގޯ ހުރިހާ ޒޯނަލް އަދި ރީޖަނަލް ހެޑުންނަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ އަސާސީ ޒަރޫރީ ލިޔުންތައް ލިބުމުގައި ފަރަގުތަކެއް ހުރިކަން އޮޑިޓްގެ ނަތީޖާއިން ހާމަވެފައިވާ ކަމަށާއި ފާހަގަ ކުރެވުނު ފަރަގުތަކާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

"މި ހޯދުންތަކުގެ ސީރިއަސްކަމަށް ބަލައި، ވީހާވެސް އަވަހަކަށް އޮޅުވާލުންތައް ރަނގަޅު ކުރުމުގެ މަސައްކަތް މި ވަނީ ފަށާފައި" އޭނާ ބުނެފައި ވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ ގެއްލުނު ލިޔުންތައް ހޯދުމަށް ބްރާންޗުތަކުން ކަސްޓަމަރުންގެ ގާތަށް ދާން ޖެހޭނެ ކަމަށާއި އެ ލިޔުންތައް ހިމާޔަތް ކުރަން ޖެހޭނީ މަތީ އޮފީސްތަކުން ވެރިފިކޭޝަނަށް ފަހު ކަމަށެވެ.

ގެއްލުން ކޮންޓްރޯލްކުރުން

ހުއްދަ ނޫން ޑެބިޓްތަކާއި ލިޔުންތައް ގެއްލުނު މައްސަލަ ބޭންކުން ބަލައިގެންފައި ވީ ނަމަވެސް، މުވައްޒަފުން ހިއްސާކުރި ހެކިތަކާއި ވާހަކަތަކުން އެނގެނީ ބައެއް ރީޖަނަލް އޮފީސްތަކުން އެ މީހުންގެ ޖޫނިއާ ސްޓާފުންނަށް އެ ލިޔުންތައް ބަދަލު ކުރުމަށް ބާރު އެޅީ ހާލަތު ސަލާމަތް ކުރުމުގެ ގޮތުން ކަމަށެވެ.

ތިން ސްޓޭޓެއްގެ މުވައްޒަފުން ޓީއާރުސީއަށް މައުލޫމާތު ދެމުން ބުނީ އެ މީހުން އިންސްޕެކްޓް ކުރި ނުވަތަ މަސައްކަތް ކުރާ ބްރާންޗްތަކުގައި މި ލިޔުންތައް ގިނަ އެކައުންޓްތަކުގައި ނެތް ކަމަށެވެ. ބައެއް ހާލަތްތަކުގައި ސޮއި އޮޅުވާލާފައިވާ ކަމަށާއި އަނެއް ބައި ހާލަތްތަކުގައި ލިޔެކިޔުންތައް ހަދާފައި ވަނީ އޮޑިޓް ކުރުމުގެ ކުރިން ސޮއި ހޯދުމަށް ބްރާންޗްގެ މުވައްޒަފުން ކަރުދާސްތަކާ އެކު އެކައުންޓް ހޯލްޑަރުން ދިރިއުޅޭ ގެތަކަށް ގޮސް އެޕްގައި އެކައުންޓް ރަޖިސްޓްރީ ކުރުމަށް ފަހު ކަމަށެވެ.

އުއްތަރް ޕްރަދޭޝް އާއި ގުޖުރާތު ސްޓޭޓްގެ ބައެއް އެކައުންޓް ހޯލްޑަރުންނަށް ހަދާފައިވާ މިފަދަ ލިޔުންތަކުގެ ކޮޕީތައް ޓީއާރުސީއަށް ވަނީ ފެނިފައެވެ.

އެގޮތުން އުއްތަރް ޕްރަދޭޝްގެ އެއް ބްރާންޗުގެ ބައެއް ލިޔުންތަކުގައި ހުރީ ހަމައެކަނި އެކައުންޓް ހޯލްޑަރުގެ ސޮއި ކަމަށާއި އިތުރު ތަފްސީލެއް ނެތް ކަމަށެވެ. މި ފޯމުތައް ޓީއާރުސީއާ ހިއްސާކުރެއްވި އިންޓާނަލް އޮޑިޓަރު ބުނީ މޯބައިލް ނަމްބަރާއި އެޕްލިކޭޝަން ހުށަހެޅި ތާރީހު ފަދަ މުހިންމު މައުލޫމާތު ހިމެނޭ ގޮތަށް ތަފްސީލުތައް ފުރީ ބްރާންޗްގެ މުވައްޒަފުން ކަމަށެވެ.

މި އޮޑިޓަރު ބުނީ އޭނާގެ ރީޖަނަލް މެނޭޖަރު ވީޑިއޯ ކޮންފަރެންސެއްގައި ހުރިހާ އޮޑިޓަރުންގެ ކިބައިން އެދުނީ ބްރާންޗްގެ މުވައްޒަފުންނަށް "އެއްބާރުލުން" ދިނުމަށާއި ހުރިހާ އެކައުންޓެއް ރަނގަޅުކަން ޔަގީން ކުރުމަށް މަސައްކަތް ކުރުމަށެވެ. އެފަދަ އިރުޝާދުތަކުގެ ސަބަބުން އޮޑިޓަރު ބުނީ އަލަށް ހަދާފައިވާ ފޯމުތައްވެސް އޭނާ އެޕްރޫވް ކުރި ކަމަށެވެ.

އުއްތަރް ޕްރަދޭޝްގެ އެހެން ބޭންކް ބްރާންޗަކާއި ގުޖުރާތުގެ ބްރާންޗަކުން ޓީއާރުސީއަށް ވަނީ ސޮއިގެ ބަދަލުގައި ކަސްޓަމަރުންގެ އިނގިލީގެ ނިޝާން ޖަހާފައި އޮޑިޓް ކޮށްފައިވާ ފޯމްތަކުގެ ކޮޕީތަކެއްވެސް ފެނިފައެވެ.

މި ފޯމުތައް ހިއްސާކުރި ބޭންކުގެ މުވައްޒަފުން ބުނީ އެއްޗެއްގައި ސޮއި ކުރަން ނޭނގޭ ދަނޑުވެރިންނަށް މޮބައިލް ބޭންކިން އެޕްލިކޭޝަނެއް ބޭނުން ކުރެވޭނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށެވެ. އެ މުވައްޒަފުން ބުނީ މި ފޯމްތަކުގައި އިނގިލީގެ ނިޝާންތައް ހޯދީ އޮޑިޓް ކުރުމުގެ ކުރިން ކަމަށާއި އެ ފޯމުތައް ފުރާފައި ވަނީ ބްރާންޗްގެ މުވައްޒަފުން ކަމަށެވެ.

ޓީއާރުސީން ބެލި އޮޑިޓް ރިޕޯޓުތަކުން ވެސް ފާހަގަކުރެވެނީ ނުދަންނަ ގިނަ ކަސްޓަމަރުންތަކެއް ބޮބް ވޯލްޑްގައި ރަޖިސްޓްރީކޮށްފައިވާ ކަމެވެ. އޭގެ ތެރެއިން ގިނަ މީހުން ރަޖިސްޓްރީކޮށްފައި ވަނީ ބިޒްނަސް ކޮރެސްޕޮންޑެންޓެއްގެ އެކައުންޓާ ގުޅިފައިވާ މޯބައިލް ނަމްބަރު މެދުވެރިކޮށެވެ.

އެއް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ނުކިޔަވާ ކަސްޓަމަރުންނަށް މި އެޕްލިކޭޝަނަށް ޝަރުތު ހަމަނުވާ ކަމަށެވެ. ހަމައެފަދައިން 15 އަހަރުން ދަށުގެ ކުދިންނަށްވެސް ޝަރުތު ހަމަނުވާއިރު، ގިނަ ކުޑަކުދިންގެ އެކައުންޓްތައް ވެސް ރަޖިސްޓްރީ ކޮށްފައި ވާކަން ވަނީ ފާހަގަވެފައެވެ.

ގޯސް ނިޝާންތައް

އިންޑިއާގެ ފޮރެންސިކް އެކައުންޓިންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބެލެވޭ ސެޓިފައިޑް ބޭންކް ފޮރެންސިކް އެކައުންޓެންޓް މަޔޫރް ޖޯޝީ ޓީއާރުސީއަށް ވިދާޅުވީ އޮޑިޓް ކުރުމުގައި އިންވެސްޓިގޭޓަރުން ބަލަން ޖެހޭނީ ކުރީގެ ތާރީހެއް ހިމެނޭ އާ ފޯމެއް ފަދަ ތަފާތު ކަންކަމަށް ކަމަށެވެ. ނުވަތަ ކުރީގެ ތާރީހެއް ހިމަނައިގެން ހަދާފައިވާ އާ ފޯމެޓެއްގެ ފޯމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭންކް އޮފް ބަރޯޑާގެ ބްރާންޗް ސްޓާފުން ހަރަކާތްތެރިވާ ޑޮކިއުމަންޓް ވެރިފިކޭޝަންގެ ދާއިރާއިން ސްޕެޝަލައިޒް ވެފައިވާ އޮޑިޓިން ފާމްތައް އެބަހުއްޓެވެ. އޭނާ ވިދާޅުވީ މި މައްސަލައަށް ބޭންކުން އެކްސްޓާނަލް އޮޑިޓަރަކު ހޯދަންވީއެވެ.

ބޭންކިން އަދި ކޮންސަލްޓިން އިންޑަސްޓްރީގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ސެޓިފައިޑް ފްރޯޑް އެގްޒަމިނަ ނިކިލް ޕަރޫލްކަރް ވިދާޅުވީ އެ ތުހުމަތުތަކުގެ ސީރިއަސްކަމުން މިނިވަން އަދި އިންސާފުވެރި އޮޑިޓެއް ކުރަން ޖެހޭ ކަމަށެވެ.

"ބްރާންޗް މެނޭޖަރެއްގެ ކިބައިން އޮޑިޓެއް ހަދަން ބުނާނީ ކިހިނެއްތޯ؟ އެއީ އޭނާގެ މަސައްކަތުގެ ދާއިރާއިން ބޭރުގައި އޮތް ކަމެއް. އެފާރާތްތަކަކީ އޮޑިޓް ކުރުމަށް ގާބިލު ފަރާތެއްތޯ؟" އޭނާ ސުވާލު ކުރެއްވިއެވެ.

ޖޯޝީ ވިދާޅުވީ އޮޑިޓް ކުރުމުގެ ދުނިޔޭގައި ތާޒާކޮށް ހޯދާފައިވާ ފޯމްތަކާއި ބެކްޑޭޓެޑް ފޯމްތަކަކީ ގޯސް ނިޝާންތަކެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭނާ ވިދާޅުވީ އަސާސީ ލިޔުންތައް އަލަށް ހޯދުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެއީ ބޭންކުގެ އަތުގައި އެ ލިޔުންތައް ނެތްކަން އަންގައިދޭ ކަމެއް ކަމަށާއި އެއީ އާރްބީއައިގެ އެންގުންތަކާ ހިލާފު އަދި ޖޫރިމަނާއެއް ކުރެވޭނެ ކަމެއް ކަމަށެވެ.

ބޭންކް މުވައްޒަފުން ބުނާ ގޮތުގައި ބޭންކް އެކައުންޓެއް ހުޅުވުމަށް ކަސްޓަމަރުން ބިޒްނަސް ކޮރެސްޕޮންޑެންޓުންނަށް ގުޅައި، މޯބައިލް ފޯނެއް ނެތުމުން، ބިޒްނަސް ކޮރެސްޕޮންޑެންޓުން ކަސްޓަމަރުގެ ފޯނު ނަމްބަރުގެ ގޮތުގައި އަމިއްލަ މޯބައިލް ނަންބަރު ޖަހައެވެ.

މީގެ ކުރިން ބޭންކުން ބުނެފައި ވަނީ ސައްހަ ނޫން، ނުދަންނަ ނުވަތަ ކަސްޓަމަރެއް ނޫން މޮބައިލް ނަމްބަރުތައް ބޭނުންކޮށްގެން އެޕް ރަޖިސްޓްރޭޝަން ބޫސްޓް ކުރުމާ ބެހޭ ގޮތުން އުފެދުނު ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

މީގެ އިތުރުން އަލްޖަޒީރާގެ ކުރީގެ ވާހަކައިން އެނގުނު ގޮތުގައި މިދިޔަ އަހަރު ބޭންކުގެ ބޯޕާލް ޒޯންގައި ވެސް އެތައް ސަތޭކަ މޯބައިލް ނަމްބަރުތަކެއް އެތައް ސަތޭކަ އެކައުންޓަކާ ގުޅިފައިވެއެވެ. ބޭންކުގެ ސިޔާސަތުގެ ދަށުން އެއް ނަމްބަރަށް 8 އެކައުންޓަށް ވުރެ ގިނަ އެކައުންޓް ލިންކް ނުކުރެވޭ ނަމަވެސް އާ އިންޓާނަލް އީމެއިލްސެޓަކުން މި އުސޫލު ތަންފީޒު ނުކުރާކަން އިތުރަށް ވަނީ ސާބިތުވެފައެވެ.

ޖުލައި މަހުގެ 19 ވަނަ ދުވަހު ބޭންކުގެ ހެޑް އޮފީހުން ވަނީ 8 އަށްވުރެ ގިނަ ކަސްޓަމަރުންގެ އައިޑީއާ ގުޅިފައިވާ މޮބައިލް ނަންބަރުތަކުގެ ލިސްޓެއް ހުރިހާ ޒޯނަލް އަދި ރީޖަނަލް އޮފީސްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވާފައެވެ.

މި ލިސްޓުގައިވާ ގޮތުން ޖުލައި މަހާ ހަމައަށް ގިނަ މޮބައިލް ނަމްބަރުތައް ދެ ޑަޒަން، ތިން ޑަޒަން އަދި ހަތަރު ޑަޒަނަށް ވުރެ ގިނަ އެކައުންޓްތަކާ ގުޅިފައިވެއެވެ. އަދި އެފަދަ އެކައުންޓްތަކުގެ އަދަދަކީ 225،001 އެވެ.

ހެޑް އޮފީހުން އީމެއިލްއެއް ފޮނުވައި، ޒޯނަލް އަދި ރީޖަނަލް އޮފީސްތަކަށް އަންގާފައި ވަނީ 8 އަށްވުރެ ގިނަ ކަސްޓަމަރުންގެ އައިޑީގައި އެއް މޮބައިލް ނަމްބަރު ހިފެހެއްޓުމަށް އެކަށީގެންވާ ޖަސްޓިފިކޭޝަނާ އެކު ހެޑް އޮފީހަށް ޔަގީންކަން ފޯރުކޮށްދިނުމަށެވެ.

ޓީއާރުސީން ވަނީ އީމެއިލްތަކުގެ ކޮޕީތައް ރިވިއު ކޮށްފައެވެ.

މުވައްޒަފުން މާޔޫސްވެއްޖެ

ބޭންކް އޮފް ބަރޯޑާގެ ހިޔާނާތުގެ ސަބަބުން އެ ބޭންކުގެ މުވައްޒަފުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ޓީއާރުސީއަށް ބުނީ ދެގުނަ ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ފުރަތަމަ ކަމަކީ ބޭންކުން ކޮންމެ ވެސް ގޮތަކުން ބޮބް ވޯލްޑްގައި ކަސްޓަމަރުން ރަޖިސްޓްރީ ކުރުމަށް ޓާގެޓްތަކެއް ކަނޑައަޅައި، ކަސްޓަމަރުން ހިދުމަތަށް އެދުނު ކަން އަންގައިދޭ ލިޔުންތައް ހުށަހަޅަން މިހާރު ޕްރެޝަރު ކުރާ ކަމަށެވެ.

އޮޑިޓް ކުރުމުގައި ފޮރުވުމުގައި ބައިވެރިވި ބޭންކުގެ މުވައްޒަފުން ބުނީ އާރްބީއައި އިން އިތުރަށް ބެލުމަށް ފޯމުތައް ނަގައިފިނަމަ މުސްތަގުބަލުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި ނަމަވެސް ރީޖަނަލް މެނޭޖަރަށް ނުކިޔަމަންތެރިވެ ސައްހަ އޮޑިޓް ރިޕޯޓެއް ތައްޔާރުކުރި ނަމަ ޔަގީނުން ވެސް އެ މީހުން ހާލުގައި ޖެހުނީސް ކަމަށެވެ.

އުއްތަރް ޕްރަދޭޝްގެ ރޫރަލް ބްރާންޗެއްގެ އިސްވެރިއަކު ވަނީ ކަސްޓަމަރުންގެ އެކައުންޓްތަކަށް އެހެން މީހެއްގެ މޯބައިލް ނަންބަރު އިތުރުކޮށް، މޮބައިލް ބޭންކިން އެކްޓިވޭޓް ކުރާއިރު ކޮންސެންޓް ފޯމް ލިބޭނީ ކިހިނެއްތޯ ސުވާލު ކޮށްފައެވެ.

ހަމަ އެ ސްޓޭޓްގެ އެހެން އޮފިސަރަކު ބުނީ އޭނާގެ ބްރާންޗުގައި މުވައްޒަފުން ގެންދަނީ ހަމައެކަނި ކަސްޓަމަރުންގެ ފޯމް ފުރުމުގެ އިތުރުން ކަސްޓަމަރުންގެ ސޮއި ވެސް އަމިއްލައަށް ކުރަމުން ކަމަށެވެ.

ބޭންކް އޮފް ބަރޯޑާ އެމްޕްލޯއީސް ޔޫނިއަން (ކަރްނާޓަކާ) އިން މި ކަންބޮޑުވުންތައް ފާހަގަކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރާއި ސީއީއޯއަށް ފޮނުވި ސިޓީއެއްގައެވެ.

"ބްރާންޗް މެނޭޖަރުން އަނގަބަހުން ދެއްވި އިރުޝާދަށް މުވައްޒަފުން ލައްވާ މަސައްކަތްތައް ކުރުވާފައި، އަދި މިހާރު އޮޑިޓް ކުރަނީ ހަމަ އެ މީހުން ކަމަށްވާތީ މި އިންޓާނަލް އޮޑިޓާ މެދު އަޅުގަނޑުމެން ހައިރާންވޭ. މި އޮޑިޓްގެ ތެރޭގައި ވަރަށް ގިނަ ރެކޯޑްތަކެއް އުފައްދައި ނުވަތަ ހަލާކުކޮށްލުމުން އެކަމުގެ ޒިންމާ އެޅޭނީ ދަށު ދަރަޖައިގެ މުވައްޒަފުންގެ ބޮލުގައިކަމުން އެކަމާ ކަންބޮޑުވޭ."

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މޮބައިލް ބޭންކިންއާއި އެހެނިހެން އޮޅުވާލުންތަކާ ގުޅޭ މައްސަލަތަކަށް މެނޭޖްމަންޓުގެ ސަމާލުކަން ހޯދުމަށް ޔޫނިއަނުން ޒަމާނުއްސުރެ މަސައްކަތް ކުރި ނަމަވެސް އެއްވެސް ފައިދާއެއް ނުވާކަމަށެވެ.