ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ނުހިމަނާ މަޝްރޫއުތަކަަށް މިއަހަރު މިހާތަނަށް 73 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ނެރުނު 2024-2026 ގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައިވާ ގޮތުގައި، ބަޖެޓުގައި ނުހިމެނޭ މަޝްރޫއު ތަކަށް މި އަހަރުގެ ތެރޭ މިހާތަނަށް 73 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، 2023-2025 އަށް ކުރިއަށް ގެންދަން ނިންމާފައި ވާ ބޮޑު 5 މަޝްރޫއަކަށް 2.1 ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުން ހޭދަވާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އެ މަޝްރޫއު ތަކަށް އަންނަ އަހަރުގެ ބަޖެޓުން 2.6 ބިލިއަން ރުފިޔާ އަދި 2025 ވަނަ އަހަރުގެ ބަޖެޓުން 1 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ވެސް އެ ރިޕޯޓްގައި ލަފާ ކޮށްފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގެ މަޝްރޫއުތަކަށް އެހާ ގިނައިން ބަދަލު ގެންނަން ޖެހެނީ މިނިސްޓްރީ ތަކުން ބަޖެޓު އެކުލަވާލާ އިރު، އިސްފަސްކޮށް ސްޓްރީމްލައިން ކުރާ ކަމަށާއި، ފޯރުންތެރިކަން ހުންނަ ވަރަކުން މަޝްރޫއުތައް ފެށުމުގެ ކުރިން އެ މަޝްރޫއެއް ރަނގަޅަށް ޕްލޭން ނުކުރެވުމަކީ ވެސް މައްސަލައެއް ކަމަށެވެ.
ކަން މިހެން ވުމުން ބަޖެޓުގައި ނުހިމަނާ މަޝްރޫއުތައް ފަށާފައި ވާއިރު، އެ އާ މަޝްރޫއުތަކަށް ހަރަދުކުރުމަށާއި، ކުރިން ރާވާފައިވާ ގޮތަށް ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެވެ. އަދި މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން އިގްތިސޯދަށް ވެސް ނޭދެވޭ އަސަރު ކުރާ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި ރިސްކުތައް ކުޑަކުރުމަށް ފިނޭޭންސް މިނިސްޓްރީ އިން ވަނީ ޕްލޭނިިން މިނިސްޓްރީ އާ ގުޅިގެން ފިޔަވަޅުތައް އަޅަން ފަށާފައި ކަމަށް އެ ރިޕޯޓުގައި ބުނެފައިިވެއެވެ. އެގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް ބަދަލު ގެނެސް ކޮންމެ 5 އަހަރަކުން ފިސްކަލް ޗާޓަރެއް އެކުލަވާލުމާއި، އުފެއްދުންތެރިކަމުގެ ނިސްބަތުން ވަކި އަދަދަކަށް ވުރެ މަތިން ރާވާ ހިންގާ މަޝްރޫއުތަކަށް ފީޒިބިލިޓީ ސްޓަޑީ ހަދާ، އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން އެ ޕްރޮޖެކްޓުގެ އެނަލިސިސް ހެދުން ލާޒިމް ކުރުން ހިމެނެއެވެ.
ބަޖެޓު ކުރާ ވަރަށް ވުރެ އިތުރަށް ހޭދަކުރުން ނުވަތަ އޯވާ ބަޖެޓިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ފިނޭންސް އަދި ޕްލޭނިން މިނިސްޓްރީ ގުޅިގެން އެކި މަޝްރޫއުތަކަށް ސްޓޭންޑާޑް ކޯސްޓިން މެކޭނިޒަމެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި މިއީ ބަޖެޓު ކްރިޑިބިލިޓީ އިތުރުވާނެ ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދައުލަތުގެ ސިޔާސަތުތައް ތަންފީޒު ކުރަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކޮންމެ އަހަރަކު ވެސް ބަޖެޓު ކުރާއިރު، ފާސްކޮށްފައިވާ ބަޖެޓަކަށް ބަދަލު ގެނެވޭނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް އެދިވަޑައިގަތުމުންނެވެ. އެހެން ނޫނީ މަޝްރޫއެއް އިތުރު ކުރެވޭނީ ބަޖެޓު ފާސްކުރާ މަރުހަލާގައެވެ.