ގާޒާއަށް އަލިކަމެއް ލިބެން ހުރި ހަމައެކަނި އިންޖީނުގެ ރާއްޖެ ގަޑިން މިއަދު 4 ޖެހި އިރު ނިވިއްޖެއެވެ. އަލިކަމެއް މިހާރު ލިބެން ހުރީ، ވަކި ވަކި މީހުން ގެންގުޅެ ކުދިކުދި ޖަނަރޭޓަރު ތަކުން ދިއްލާ ހޮޅި ބުރިއެއްގެ އައްޔެވެ. އެވެސް ނިވެން ދެން އޮތީ ކުޑަ ވަގުތު ކޮޅެކެވެ.

އިޒްރޭލުން ގާޒާ ވަށާލައި ހުރިހާ ހިދުމަތެއް ވަނީ ކަނޑާލާފައެވެ. ތެލެއް، ކާބޯތަކެއްޗެއް، ބޯފެނެއް، ބޭހެއް ނުލިބެއެވެ. 2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާގެ ތެރޭގައި ތިބި ބަޔަކު މިހާރު ތިބީ ތާށިވެފައެވެ. ސިޓީން ބޭރަށް ނިކުމެވޭނެ ގޮތެއް ނެތެވެ. ގާޒާއާއި ކައިރީގައި އޮންނަ އެހެން ގައުމުތަކާ ގުޅާލަދޭ 7 ދޮރާއްޓެއް [މަގެއް] އޮންނަ އިރު އެ 7 މަގުވެސް އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ. ކިރިޔާވެސް އުއްމީދެއް އޮތް ހަމައެކަނި ދޮރާށި (މިސްރާއި ގާޒާ ގުޅެ ދޮރާށި) މިސްރުން ވަނީ ބަންދުކޮށްފައެވެ. މިސްރުން އެ ދޮރާށި ބަންދު ކުރީ، އެ ދޮރާށްޓަށް އަމާޒު ކޮށް އިޒްރޭލުން ހަމަލާދީ މަގުތައް ހަލާކު ކޮށްލާފައި ވުމުންނެވެ.

ގާޒާގެ އެތެރޭގައި ތިބި ބަޔަކު ދާނެ ވަކި ތަނެއް، ވަންނާނެ ހިޔާވައްސެއް ނެތި މިހާރު ވަނީ މަގުމަތިވެފައެވެ. ކިރިޔާވެސް ރައްކާތެރި ކަމެއް ލިބިދާނެހެން ހީވާ ހަސްފަތާލުތަކާއި ސިއްހީ ހިދުމަތް ދޭ އެހެނިހެން ފެސިލިޓީތައް ވަނީ ފުރި ބާރުވެފައެވެ. އެތަންތަނުގެ ދޮރުމަތީގައި ގިނަ އަދަދެއްގެ ބަޔަކު ތިބި އިރު، އެ އެންމެންވެސް ތިބީ ހާމަ ސަރާސަރު މަގުމަތީގައެވެ.

ބޯމަތިން އިޒްރޭލުގެ މިސައިލްތައް ދަތުރު ކުރަމުން ދާ އިރު، އެއިން މިސައިލެއް ބޮލަށް ވެއްޓޭނީ ކޮން އިރަކުކަން ބުނާކަށް ނޭނގެއެވެ. ގާޒާގެ ޖައްވުގެ ތެރޭގައި އަލިފާންބޯޅަތައް ފަދައިން ބޮންތަކާއި މިސައިލް ހަމަލާތަކުގެ އަލިފާންގަނޑުތައް އަރައިގެން ދާއިރު، ރޯވެ އަނދަމުންދާ އެކި އެކި އިމާރާތްތަކުން އަރާ ކަޅު ދުމާއެކު ސިފަ ކުރެވޭ އެ މަންޒަރަކީ އެތާނގައި ހުންނަ މީހަކަށް އިހުސާސް ކުރެވޭ ގޮތާއި ދުރުގައި ތިބޭ މީހުންނަށް އިހުސާސް ވާ ގޮތާ އުޑާއި ބިމާހާ ތަފާތު ހާލަތެކެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ހާލުގައި ޖެހި ގޮތް ހުއްވެފައި ވާ އާއިލާއެއްގެ ބަޔަކު ހާސްކަމުގައި

ގާޒާއިން ރޮމުން ގިސްލަމުން ވާހަކަ ދެއްކި އަންހެނަކު ބުނީ، އޭނާ ގޭގައި އިންދާ ސަމާލުކަން ހުއްޓުނީ ގޭގެ ދޮރުގައި ތަޅާ މީހަކު ރޯއަޑަށެވެ. ދޮރު ހުޅުވާލި އިރު ހުރީ ކުޑަ ކުއްޖެއް ކަމަށާއި އޭރު ގަޑިން ދަންވަރު 2 ޖެހީ ކަމަށް ބުންޏެވެ. އެ ކުއްޖާ ރޮމުން ގިސްލަމުން ބުނީ، އަވަހަށް ގެއިން ނިކުތުމަށާއި މިސައިލް ހަމަލާއެއް އަންނަ ކަމަށެވެ.

ދެން އަވަސް އަވަހަށް އެތެރެއަށް ވަދެ އެތެރޭގައި ނިދިފައި އޮތް އޭނާގެ 3 ކުދިންނަށް ގޮވާ، އަތުޖެހުނު ފަސްޓްއެއިށް ކިތް ހިފައިން ނުކުމެއް ދިޔައީ ހޮސްޕިޓަލަށް ކަމަށާއި އެތަނުގެ ބޭރާއެކު މީހުން ތޮއްޖެހިފައި ތިބުމުން ވަދެވޭގޮތެއް ނުވިކަމަށެވެ.

މުޅި އެރޭ ހަތަރު ދަމު ބޭރުގައި ހޭދަކުރި އިރު، ސިޓީގެ އެކި ދިމަދިމާއިން އިވެމުން ދިޔައީ ކުޑަކުދިންގެ ރުއިމުގެ އަޑާއި، ބޮޑެތި މީހުންގެ ހާސްކަމުގެ އަޑުތައް ކަމަށް ބުންޏެވެ.

ފާއިތު ވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ގާޒާގެ 450 ތަނަކަމަށް ހަމަލާ ދީފައި ވާ އިރު، މިއަދަށް އަލިވިލިިގެން އައީ 30 ފުރާނަ މިދުނިޔެއާ ވަކިވެގެންނެވެ. އިޒްރޭލުން ޝަހީދު ކޮށްލި ފަަލަސްތީނުގެ މުސްލިމުންގެ އަދަދި މިއަދާ ހަމައަށް 1053 އަށް ވަނީ އަރާފައެވެ.

އިތުރު އަންހެނަކު ބުނީ، އޭނާ ދަރިންނަށް ބޯން ދޭނެ ކިރުކޮޅެއް ހޯދުމަށް ސްޕަމާޓަކަށް ދިޔަ އިރު ޝެލްފައި ހުރީ އެންމެ ބައިފުޅި ކިރު ކަމަށާއި އެނޫން އެއްޗެއް ސުޕަމާޓުގައި ނެތް [ގާތްގަނޑަކަށް ހުސްވެފައި] ކަމަށެވެ.

ގާޒާއަކީ މިހަނގުރާމަ ފެށުމުގެ ކުރިންވެސް ބޭރުގެ އިންސާނީ އެހީއަށް ބަރޯސާވެގެން އޮންނަ ސިޓީއެކެވެ. ގާތްގަނޑަކަށް އާބާދީގެ 80 ޕަސެންޓަކީ ބޭރުގެ އިންސާނީ އެހީން ކައިބޮއެ އުޅޭ އާބާދީއެކެވެ. އިޒްރޭލުން އެޅި ދަރިކުރުމުގެ ފިޔަވަޅުތަކާއެކު އެ އެއެހީވެސް ގާޒާއަށް ވެއްދޭނެ ގޮތެއް ނެތެވެ. ބަނޑަށް ޖެހިގެންވެސް އެތައް ބަޔަކު މަރުވާނެ ހާލަތަކަށް ކަންކަން ގޮސްފައި ވާ އިރު، އިދާރާތަކުން ބުނާގޮތުން މިދިޔަ ހޮނިހުރު ދުވަހުން ފެށިގެން މިލިއަނެއްހާ މީހުން އުޅޭނީ 3 އިރުގެ ކާއެތިކޮޅުވެސް ނުލިބިއެވެ.

ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދިރު ހުޅުވާލުމަށް ޑަބްލިއުއެޗްއޯއިން ގޮވާލާފައި ވާ އިރު އެ އެއެހީ ލިބިދާނެ ކަމާމެދު އުއްމީދެއް ނެތް ނަމަވެސް ގާޒާގެ ރައްޔިތުން އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ. ގާޒާގައި މަސައްކަތް ކުރާ އިނގިރޭސި ޑޮކްޓަރަކު ބުނީ، ކާބޯތަކެތި ނުލިބި ރައްޔިތުން ބަނޑަށް ޖެހުމުގެ އިތުރުން ސިއްހީ އެހީ ނުލިބިއްޖެ ނަމަ ހަފްތާއެއްގެ ތެރޭގައި މުޅި ސިއްހީ ނިޒާމު ހުއްޓުމަކަށް އަންނާނެ ކަމަށެވެ. ބޭސްފަރުވާ ކުރެވޭ ގޮތެއް ނެތި އެތައް ހާސްބަޔަކު މަރުގެ ތިންފަތް މައްޗަށް ހުޅަހެޅޭނެ ކަމަށެވެ. ހަނގުރާމައިގައި ޒަހަމްވެފައި ތިބި މީހުންގެ އިތުރުން އެކިއެކި ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި، ވިހަމުން ދާ އަންހެނުންނާއި ޑަޔަލެސިސް ހަދާ ޕޭޝަންޓުންނަށް ދޭން ޖެހޭ ފަރުވާވެސް ނުދެވޭނެ ކަމަށެވެ.

އިތުރަށް އޭނާ ބުނީ، މިހާރުވެސް ހުރިހާ ސިއްހީ ފެސިލިޓީއެއް ފުރިފައި ވާ ކަމަށާއި އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެގެން ގެންނަ މީހުންގެ 30-40 ޕަސެންޓަކީ ކުޑަކުދިން ކަމަށެވެ.

"ޒަހަމްވެގެން މުޅި އާއިލާ ހުރިގޮތަށް ވެސް އެބަ ގެނޭ، ހަނގުރާމައިގެ ހާލަތުގައި އެނދު ހުސްކުރަން އަވަސް ފަރުވާ ދީ ފޮނުވާލެވެތޯ ބަލާނެ، ނަމަވެސް މި މީހުން މިގެންނަނީ އެމީހުން ދިރިއުޅެމުން ދިޔަ ގެ ފުނޑުފުނޑު ކޮށްލީމައި، އެމީހުން އަނބުރާ މަގުމައްޗަށް ފޮނުވާލާނީ ކިހިނެއް،"
ޑޮކްޓަރު

ޔަހޫދީ އިޒްރޭލުން ބުނެފައި ވަނީ، ހަމާސްގެ ހަމަލާތަކުގައި ޔަހޫދީންގެ 1200 މީހަކު މަރުވެއްޖެ ކަމަށާއި، ރަހީނުންގެ ގޮތުގައި 150 މީހަކު ހަމާސް އިން ގެންގޮސްފައި ވާ ކަަމަށެވެ. އެކަމުގެ ބަދަލު ހިފުމުގައި ހުރަސް ނުކުރާނެ އިމެއް، އަހާނެ އަޑެއް ނޯންނާނެ ކަމަށާއި، ހަމާސް އިން ބޭނުންވީ ގާޒާ ބަދަލު ކުރަން ކަމަށް ވާތީ ފިސާރި ރަނގަޅަށް ގާޒާ ބަދަލުކޮށްދޭނެ ކަމަށެވެ. އެގޮތުން ބުނެފައި ވަނީ، ގާޒާ އެފުށް މިފުށަށް [180 ޑިގްރީ އަށް] ޖަހާނެ ކަމަށާއި އިހަށް އޮތް ގާޒާ ދެން ނުފެންނާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި ހަނގުރާމައިގައި ކުރުން މަނާ ހުރިހާ ކަމެއްވެސް ކުރާނެ ކަމަށާއި އެމީހުން ހުއްޓުވޭނެ ހަނގުރާމައިގެ ޖަރީމާއާ ބެހޭ ކޯޓެއްވެސް އިދާރާއެއް ވެސް ނުހުންނާނެ ކަމަށެވެ.

ހަމާސް އިން ބުނެފައި ވަނީ ކާބޯތަކެއްޗާއި، ބޭހުގެ ބަދަލުގައި ރަހީނުން ދޫނުކުރާނެ ކަމަށާއި، ގާޒާއަށް ހަމަލާ ދޭހާ ހިނދަކު އިޒްރޭލާ ވާހަކަ ދެއްކުމެއްވެސް ނެތް ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އާއިލާއަކުން ހިތާމަފާޅުކޮށް ރޮނީ

ހުރިހާ ދިމާއަކުން ބައްދާލުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވިދާޅުވެއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދެވޭނެ ދޮރުތައް [ފުރުސަތު] ދިނުމަށް ގޮވާލައްވަމުން އޭނާ ވަނީ، ހަމާސް އިން ރަހީނު ކުރި މީހުން ދޫކޮށްލުމަށް ވެސް ގޮވާލައްވާފައެވެ.

ގާޒާގެ ރައްޔިތުންނަށް ހަނގުރާމައަކީ އާ އެއްޗަކަށް ނުވިނަމަވެސް މިފަހަރު ތަފާތު ކަމަށާއި، ހައިހޫނު ކަމާއި ކަނުއަނދިރި އާއި ބިރުވެރިކަން ވަނީ ވަށާލާފައެވެ. މާޔޫސް ކަމާއި ކަންބޮޑުވުމުގައި އެތައް ރެއެއްގެ ނިދިން ވަނީ މަހުރޫމް ކޮށްލާފައެވެ.

މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާއެވެ. "ދަ ޕްރެސް" ގެ ދުއާ އަކީވެސް އަދި އެންމެހާ މުސްލިމުންގެ ފަރާތުން އެދެނީ ވެސް ފަލަސްތީނުގެ މުސްލިމުނަށް ނަސްރު ދެއްވުން އެދި ﷲ އަށް ދުއާ ކުރުންމަތީ ދެމި ތިބުމަށެވެ.