ފަސް ފަޅުވެރިންނާއެކު އދ. މަންދޫން ފުރައިގެން ކ. ގުޅިއަށް ދަތުރު ކުރަމުން ދަނިކޮށް ދިޔަވާން ފެށި 85 ފޫޓުގެ ސަފާރީއަކަށް އެމްއެންޑީއެފް ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

އެމްއެންޑީއެފުން ބުނީ، "އެޓޯލް ޖޭޑް" ނަމަކަށް ކިޔާ ސަފާރީ ދިޔަވާން ފެށީ އދ. މަހިބަދޫއާ 9.3 ނޯޓިކަލް މޭލު އިރުން ދަތުރުކުރަމުން ދަނިކޮށް، އެ އުޅަނދުގެ ކުރީކޮޅުން ފިލާގަނޑެއް ފަޅައިގެން ގޮސްގެން ކަމަށެވެ. އެވަގުތު އެ ސަފާރީގައި ތިބީ 5 ފަޅުވެރިން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ މަހިބަދޫ ސީ އެމްބިއުލާންސުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އެގޮތުން، މަހިބަދޫން ޕަމްޕެއް އަރުވައި، މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ އެކު ސިފައިން އެ ސަރަހައްދަށް ގޮސް ޕަމްޕުގެ އެހީގައި އެ އުޅަނދުން ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި އެ އުޅަނދު މިހާރު ކ. ގުޅިއަށް ގެންގޮސްފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހެނދުނު 11:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި 5 ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.