ބޮލީވުޑްގެ އޭ ލިސްޓު ތަރިންގެ ތެރޭގައި ހިމެނޭ ތަރި ޝާހްރުކް ހާން އަށް މަރުގެ އިންޒާރު ދޭން ފަށައިފިއެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި އެކްޓަރަށް މަރުގެ އިންޒާރު ދޭން ފެށީ މިއަހަރު އޭނާގެ ދެ ފިލްމު "ޕަތާން" އަށާއި "ޖަވާން" ގެ ކާމިޔާބީގެ ސަބަބުންނެވެ. އެހެން ކަމުން މިހާރު އޭނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެކްޓަރަށް މަރުގެ އިންޒާރުގެ މެސެޖުތަކާއި ކޯލުތައް ލިބޭތީ މުމްބާއީ ސަރައްހަދުގެ ހުރިހާ ފޮލިސް ސްޓޭޝަންގެ ސަމާލުކަން އެކަން ގެނެސްފައި ވާއިރު މިހާރު އެކްޓަރު ޝާހު އާއެކު 11 އޮފިސަރަކު ހަރަކާތްތެރި ވެއެވެ. އެއީ ހަތަރު ފުލުހުންނާއި ހަ ކޮމާންޑޯސްގެ އިތުރުން ޓްރެފިކް ކްލިއަރެންސް އޮފިސަރަކެވެ. އޭގެ އިތުރުން ޝާހު ދިރިއުޅެމުން އަންނަ ގޭގައި ވެސް ފުލުހުން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުން ދެއެވެ.

މި އަހަރަކީ ޝާހުގެ ފިލްމީ ކެރިއަރުގައި ވަރަށް ކާމިޔާބު އަހަރެކެވެ. ޒަމާންތަކަކަށް ފަހު ވަރުގަދަ ދެ ހިޓު ފިލްމު މިއަހަރު ސިނަމާއަށް އައިއިރު އޭނާ ފެނިގެން ދާ ތިން ވަނަ ފިލްމު އަންނަ ޑިސެމްބަރު މަހު ސިނަމާތަކުގައި އަޅުވާނެއެވެ. އެކްޓަރު ކުޅުނު ބައެއް ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ދިލްވާލޭ" އަދި "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާނއެގޭ" ހިމެނެއެވެ.

މީގެ ކުރިންވެސް އެކި ސަބަބުތަކާ ހުރެ ބޮލީވުޑްގެ ތަރިންނަށް މަރުގެ އިންޒާރު ލިބެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން މަރުގެ އިންޒާރު ލިބޭ ތަރިއަކީ ސަލްމާންއެވެ. މީގެ އިތުރުން ބަތަލާ ކަންގަނާ ރަނައުޓް އަށް ވެސް ވަނީ ވަރަށް ފަހުން މަރުގެ އިންޒާރު ދީފައެވެ.