އައިޖީއެމްއެޗްގެ ނަމާދުގެ ބަންދުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެއަށްވުރެ ޖާގަ ތަނަވަސް ނަމާދު ގެއެއް ހުޅުވުމަށްފަހު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިފަދައިން ބުނެފައިވަނީ އައިޖީއެމްއެޗްގެ ކުރީގެ ނަމާދުގޭގެ ވީޑިއޯއެއް ހިއްސާކޮށް ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ކުރި އެކްސްއަކާ ގުޅިގެންނެވެ.

އެ ވީޑިއޯއިން ފެންނަނީ އެ ތަން ފެންނަނީ ގުދަނެއްގެ ގޮތުގައެވެ. ގިނަ އަދަދެއްގެ އޭސީ އައުޓްޑޯއާއި ދަގަނޑާއި އެސްލޯނު ހޮޅި ފަދަ ތަކެތި އެ ތަނުގައި ހުރި ތަން އެ ވީޑިއޯއިން ފެނެއެވެ.

އެ ވީޑިއޯ ހިއްސާކޮށް އަލީ ރަމީޒު ބުނީ އެތަން ތަޅާލީ މަރާމާތަށް ކަމަށް ބުނި ކަމުގައި ވިޔަސް އެއީ ބޮޑު ދޮގެއް ކަމަށާއި އެއީ ޖަމާއަތުގައި ނަމާދުކުރަން ބޭނުންވާ ބަލިމީހުނާއި އެމީހުންގެ ކައިރީގައި ތިބި މީހުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އުންމީދަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އަވަސް ފިޔަވަޅެއް އަޅުއްވާ އެ މިސްކިތް އަލުން ބިނާކޮށްދެއްވުން ކަމަށް އަލީ ރަމީޒު ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލުގެ ނަމާދުގެ ކުރިން ހުރި ތަނަކީ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާ ޖެހިގެން ހުރި ތަންކަމުން އެ ތަނަކީ ޕެޓް ސްކޭން މެޝިން ބެހެއްޓުމަށް ސާވޭ ކުރެވި ކަނޑައެޅިފައިވާ ތަން ކަމަށާއި މި ވަގުތު އެތާނގައި ބަހައްޓާފައިވަނީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތައް ރިނޮވޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެކަމަށް ބޭނުންވާ ބައެއް ސާމާނުތައް ކަމަށެވެ.

ދަރުމަވަންތަ އިމާރާތް ހުޅުވުނުފަހު ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ކައިރީ ހުރި ނަމާދުގެ ބަންދުކޮށްފައިވަނީ ދަރުމަވަންތަ އިމާރާތުގެ 5 ވަނަ ފަންގިފިލާގައި ކުރީގެ ނަމާދުގެއަށްވުރެ އެތައް ގުނައެއް ޖާގަ ތަނަވަސް ފުރިހަމަ ނަމާދުގެއެއް ހުޅުވުމަށްފަހު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި އެހެންނަމަވެސް ދަރުމަވަންތަ އިމާރާތުގެ ނަމާދުގެއަށް ވަދެވެނީ އައިޖީއެމްއެޗް އިމާރާތުގައި އޯޕީޑީ ހިނގަމުންދާ ވަގުތުތަކުގައި ކަމުގައި ވާތީ ހޮސްޕިޓަލުގެ އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ އެހީތެރިންނަށް ފަސޭހައަކަށް ހޮސްޕިޓަލުގެ ވޯޑުތަކުގައިވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލާ ގުޅުންހުރި ކަމެއްގައި ހޮސްޕިޓަލުގެ ބަހެއް ހޯދުމެއްނެތި ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާ ދިއުން މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.