ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ މުސްލިމް އަހުންނާއި އުހުތުންނާ ދެކޮޅަށް އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ މެދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ބުނީ، ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް، އެ މީހުންގެ ލޭ އޮހޮރުވުމަށް އިޒްރޭލުން ބަރުހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ ޕާޓީއަކީ ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހްތުންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރަން ތާއަބަދު ގޮވައިލަމުންދާ ޕާޓީއެއް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ފަލަސްތީނުގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް އދ އިން ފާސްކޮށްފައިވާ ގަރާރުތަކަށް އިހްތިރާމުކޮށް، އެ ގަރާރުތައް ތަންފީޒު ކުރުމަށް އިޒްރޭލަށް ގޮވައިލަމުންދާ ޕާޓީއެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ހަމައެއާއެކު އެޕާޓީ އަކީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ މީހުން އަޅުވެތިކޮށް، ބައިތުލްމަގްދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމުގައިވާ އަލް-އަގްޞާއަށް އަތްގަދަ ކުރުމާ ދެކޮޅަށް އަޑުއުފުލަމުންދާ ޕާޓީއެއް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެމްޑީޕީއަކީ ސުލްހަ އާއި ހަމަޖެހުމަށް ވަކާލާތު ކުރާ، މަޝްވަރާގެ އުސޫލުގެ ދަށުން ދެބަސްވުންތައް ހައްލު ކުރަން ބާރުއަޅާ ޕާޓީއެއް ކަމަށް ވެސް ބުނެއެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކަށް އިހްތިރާމުކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކާއި ހަމަތަކުގެ މަތިން އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރާ ޕާޓީއެއް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އެހެންކަމުން ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހްތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ޖަރީމާތައް ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.