ރާއްޖޭގެ އިގްތިސޯދު ލަފާކޮށް ފިޗްގެ ރޭޓިން ބީ ނެގެޓިވްގެ ގޮތުގައި އޮތް އޮތުން މުރާޖާ ކުރި ނަމަވެސް އަނެކއްވާސް އެ ރޭޓިން ދަމަހައްޓައިފިއެވެ.
ފިޗުން މިއަދު ނެރުނު އެސެސްމެންޓް ދައްކާ ގޮތުން ރާއްޖޭގެ އިގްތިސާދު މި އަހަރު 7.2 ޕަސެންޓުގައި ކުރިއަރާނެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވެސް އެ އެޖެންސީ ވަނީ ބުނެފައެވެ.
އަދި ހަމައެހެންމެ އިގްތިސާދު ކުރި އެރި ނަމަވެސް ރާއްޖޭގެ ދަރަނި އިންތިހާއަށް އުފުލި، ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވަމުން ދާކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުންވެސް ޓުއަރިޒަމްގެ ދާއިރާ އަކީ ދުނިޔޭގެ އިގްތިސާދާ ގުޅިފައިވާ ދާއިރާއެއްކަން ފާހަގަކޮށް ފިޗުން ބުނީ އެ ދާއިރާއަށް މުޅި އިގްތިސާދު ބަރޯސާވުމަކީ، ރާއްޖޭގެ އިގްތިސާދުގެ ނާޒުކުކަން ދައްކުވާދޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ބޮޑު ކުރުމަށް ކުރިއަށް އޮތްތަނުގައި އިތުރު ގޮންޖެހުންތައް ހުރި ކަމަށާއި އިމްޕޯޓު ކުރުމަށް ޑޮލަރު ބޭނުން ކުރަން ޖެހޭ މިންވަރު އިތުރު ކުރަން ޖެހިފައިވާ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ. ރާއްޖޭގެ ރިޒާވް 16 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށާއި މިވަގުތު ރާއްޖޭގެ ރިޒާވުގައި 690 މިލިއަން ޑޮލަރު ހުރި އިރު ބޭނުން ކުރެވޭ ގޮތަށް އޭގައި ހުރީ 150 މިލިއަން ޑޮލަރު ކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭރުން ލޯނާއި އެނޫން ފައިނޭންސިން ހޯދުމަށް އުނދަގޫ ތަކާ ކުރިމަތި ވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފިޗުން ބުނެފައި ވަނީ ރާއްޖެއިން ބޭރުން ނެގި ލޯނުތަކަށް 3.6 ބިލިއަން ރުފިޔާ އާއި ގެރެންޓީ ދިން ލޯނުގެ 4.6 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހުމެވެ.
ދަރަނި އަދާކުރަން އެކުލަވައިލި ސޮވެރިން ޑިވަލޮޕްމެންޓް ފަންޑުގައި މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަަލަށް 7.3 ބިލިއަން ރުފިޔާ ހުރި އިރު އޭގެ ތެރެއިން ޑޮލަރުގެ ގޮތުގައި ހުރީ 30 މިލިއަން ކަމަށް އެ އެޖެންސީ ވަނީ ބުނެފައެވެ. ފިޗުން ލަފާކުރާ ގޮތުގައި މިއަހަރުގެ ބަޖެޓު ޑެފިސިޓް ނިމިދިޔަ އަހަރަށް ވުރެ 0.3 ޕަސެންޓް ދައްވާނެ އެވެ.
ފިޗުން ރާއްޖެއަށް 2016 އިން ފެށިގެން ރޭޓިން ދޭން ފަށާފައި ވާއިރު، މިދިޔަ އަހަރުވެސް ވަނީ ރާއްޖޭގެ ރޭޓިންގް ބީ ނެގެޓިވްގައި ދަމަހައްޓާފައެވެ. ރާއްޖޭގެ އިގްތިސޯދު ދުވެލި ރަނގަޅުވަމުން އަންނަ ކަމަށާއި ދިގު މުއްދަތަކަށް ބޭރު ފައިސާ ދޫކުރާ ފަރާތުގެ ޑިފޯލްޓް ރޭޓިން (އައިޑީއާރު) "ބީ ނެގެޓިވް" ގައި ހިފެހެއްޓިފައި ހުރި ކަމަށް އޭރުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ފިޗުގެ އިތުރުން، ރާއްޖެއާ ގުޅޭގޮތުން އާންމުކޮށް ލިބެން ހުންނަ މާލީ މައުލޫމާތު ހޯދައި، ރޭޓިން މޫޑީސް އިންވެސް ދެއެވެ. މިދިޔަ އަހަރު ފިޗް އިން ރާއްޖެއަށް ބީ ނެގެޓިވް ރޭޓިން ދީފައި ވަނީ ރާއްޖޭގެ އިގްތިސޯދު ލަފާކުރި ވަރަށް ވުރެވެސް ދަށްވެފައިވާ ކަމަށް ބުނެ ސީސީސީ އަށް ރާއްޖޭގެ ރޭޓިން ދަށްކޮށްފައި އޮތުމަށް ފަހުއެވެ.