ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުގެ ބައެއް ވަޒީފާތަކަށް މީހުން ނަގާ ނަމަ ސަބަބު ބަޔާންކޮށް ލިޔުމުން ހުށަހަޅައިގެން ސިވިލް ސާވިސް ކޮމިޝަންގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ސީއެސްސީގެ އިދާރާތަކުގެ އިސްވެރިންނަށް އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމުގެ ގޮތުން ސިވިލް ސާވިސްގެ މަގާމްތަކަށް އިއުލާން ކުރުމުގައްޔާއި، ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމުގައްޔާއި، މަގާމުގެ ކުރިއެރުން ދިނުމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަދި އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގައި ވަކި ގޮތެއް އަންގަންދެން އަމަލު ކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން ޓީޗަރުންނާއި ޑޮކްޓަރުންނާއި ނުރުހުންނާއި މުދިމުންނާއި އިމާމުންގެ މަގާމުތަކަކީ އެ ހިދުމަތްތައް މެދުނުކެނޑި ކޮންމެހެން ފޯރުކޮށްދިނުމަށް ބޭނުންވާ މަގާމުތަކަކަށް ވާތީ، އެ މަގާމުތަކަށް މިހާރު ވެސް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް އެ މަގާމުތައް ފިޔަވާ މި ހިނދަށް ކޮންމެހެން އިއުލާން ކުރުމަށް ބޭނުންވާ މަގާމެއް ނަމަ، ސަބަބު ބަޔާންކޮށް ލިޔުމުން ހުށަހަޅައި، ސީއެސްސީގެ ހުއްދަ ހޯދުމަށް ފަހު މެނުވީ އިއުލާން ނުކުރުމަށް ސީއެސްސީން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ހަމައެއާއެކު މިހާތަނަށް އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން ވަޒީފާގެ ހުށަހެޅުން ދީފައި ނުވާ މަގާމުތަކަށް ވަޒީފާ ހަމަޖެއްސުން މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ. އެ މަގާމުތަކުގެ ތެރެއިން މުވައްޒަފަކު ވަކިވުމާ ގުޅިގެން ހުސްވެެފައިވާ މަގާމުތައް ނުވަތަ މި ހިނދަށް ކޮންމެހެން މީހަކު ބޭނުންވާ މަގާމެއް ނަމަ، ސަބަބު ބަޔާންކޮށް ލިޔުމުން ހުށަހަލާއި އެ ކޮމިޝަންގެ ހުއްދަ ހޯދުމަށް ވަނީ އަންގާފައެވެ. އަދި އިދާރާތަކުގެ އިދާރީ އޮނިގަނޑު މުރާޖާ ކުރުމާއި، އާ މަގާމުތައް އުފެއްދުމާއި، އިދާރީ އޮނިގަނޑަށް އަލަށް ދީފައިވާ މަގާމުތަކަށް މީހުން ހޯދުން މަޑުޖައްސާލުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން އިންޓާނަލީ އިއުލާންކޮށްގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ އޮނިގަނޑުތަކުގެ މަގާމުތައް މިހާތަނަށް ކޮށްފައިވާ އިއުލާންތަކާ ގުޅިގެން ކުރިއެރުން ދިނުން މަޑުޖައްސާލުމަށާއި،، އެފަދަ މަގާމްތަކަށް އިތުރަށް އިއުލާން ކުރުން މަޑުޖައްސާލުމަށް ވެސް ސިއެސްސީން ވަނީ އަންގާފައެވެ. އަދި ސިވިލް ސާވިސް އިދާރާތަކަށް ކޮންޓްރެކްޓް ނުވަތަ ވޭޖް ނުވަތަ ކޮންސަލްޓެންސީ އުސޫލުން މީހުން ހަމަޖެއްސުން މަޑުޖައްސާލުމަށާއި، މި ހިނދަށް ކޮންމެހެން އިއުލާން ކުރަން ބޭނުންވާ މަގާމެއް ނަމަ، ސަބަބު ބަޔާންކޮށް ކޮމިޝަންގެ ހުއްދަ ހޯދުމަށް ސީއެސްސީން ވަނީ ބުނެފައެވެ.