އިޒްރޭލާއި ފަލަސްތީން ގެ މެދުގައި މަޝްވަރާ ކޮށް ދާއިމީ ސުލްހަ ގާއިމް ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާއި ދެކޮޅަށް ވަނީ ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އެއާއެކު ދެ ދައުލަތުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިފައިވާ މި ދަނޑިވަޅުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި އެމީހުންގެ ކަރާމާތާއި މިނިވަންކަމަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށެވެ.
އަދި އަމިއްލަ ވަތަން ދިފާއު ކުރެވޭނެ ބާރުނެތް ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ބާރުގަދަ ހަމަލާތައް އެމަނިކުފާނު ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި ހަމައެހެންމެ ދެ ދައުލަތުން މަޝްވަރާކޮށް ހައްލުކޮށް ދާއިމީ ސުލްހަ ގާއިމް ކުރުމަށް ވެސް އެމަނިކުފާނު ގޮވާލައްވާފައި ވެއެވެ.
މި ހަނގުރާމަ ދިގު ދެމިގެންދާނެ ކަމަށް އިޒްރޭލުން އިއުލާން ކޮށްފައި ވާއިރު އަދަާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވާތަން ބަލަހައްޓައިގެން ތިބުމަކީ މުއުމިނުންގެ ހިތަށް ކުޅަދާނަ ވާނެ ކަމެއް ނޫން ކަމަށާއި މި މައްސަލައަކީ މުޅި އުންމަތާ ގުޅުންހުރި މައްސަލައެއް ކަމަށެވެ.
"ފަލަސްތީން ރައްޔިތުން ހާލުގަ ޖެހި ކާނެ އެއްޗެއް، ބޭސްކުރާނެ ގޮތެއް ނެތި މަރުވަން ދޫކޮށްފައި ބަލައިގެން ތިބުމަކީ މުއުމިނުންގެ ހިތައް ކުޅަދާނަ ވާނެ ކަމެއްނޫން.” އިމްރާން ވިދާޅުވިއެވެ. އަދި ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް އެންމެން މަސައްކަތް ފެށުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.
ޔަހޫދީ އިޒްރޭލުން މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށް ވާ އަލް އަގްސޯއަށް ވަދެ ހިންގާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ހަމާސް އިން ހަމަލާތައް ދެމުން ދާއިރު ދުނިޔޭގެ އެންމެ ވަރުގަ އެއް އިންޓެލިޖަންސް އިދާރާ، އިޒްރޭލުގެ މޮސާޑަށް ދޮންކަޅު ވެސް އަންގާނުލައި ކުއްލި އަކަށް ދިން ހަމަލާގެ ފުރަތަމަ 20 މިނެޓް ތެރޭގައި 5000 ރޮކެޓް ފޮނުވާލާފައި ވާ ކަަމަށް ހަބަރުތައް ބުނެއެެވެ. އެއާއެކު ހަމާސް އިން ބުނެފައި ވަނީ، މިއީ ކުޅިވަރަށް ކުރާ ކަމެއް ނޫން ކަމަށާއި ހަނގުރާމަ އިއުލާން ކުރީ ކަމަށް ބުނެފައި ވެއެވެ.
މި ހަމަލާގެ ބަދަލު ހިފުމަށް ޔަހޫދީން ފަށާފައި ވާ ގެއްލުން ބޮޑު އުދުވާނުގައި ގާޒާގައި ހުންނަ 2 ޓަވަރު ހިމެނޭ އެންމެ އުސް އިމާރާތް ވަނީ ގޮއްވާލައި ބިމާ ހަމަކޮށްލާފައެވެ. އާންމުން ދިރިއުޅޭ އެ އިމާރާތަކީ މީގެ ކުރިން ހަމާސްގެ އޮފިޝަލަކު ދިރިއުޅޭ އެޕާޓްމަންޓެއް ހުރެގެންވެސް ހަމަލާ ދިން އިމާރާތެއް ނަމަވެސް އިއްޔެ އިރުއޮއްސެނިކޮށް އެ އިމާރާތް ގޮއްވާލައި ބިމާ ހަމަކޮށްލި ހަމަލާ އަލްޖަޒީރާގެ ކެމެރާތަކަށް ލައިވްކޮށް ވަނީ ނެގިފައެވެ.
ގާޒާގެ ހަބަރުތައް ވަގުތުން ފޮނުވުމަށް އެ ޗެނަލްގެ ކެމެރާތައް ގާޒާއަށް އަމާޒުކޮށްފައި ވަނިކޮށް އެ އިމާރާތަށް ފުރަތަމަ އަމާޒު ކުރީ ވޯނިން [އިންޒާރުގެ] ހަމަލާއެކެވެ. އޭގެ ބަރާބަރު 5 މިނެޓް ފަހުން ދެ ޓަވަރުގެ ބުޑުން ދެފަރާތަށް ހަމަލާދީ ގޮއްވާ ވައްޓާލިއެވެ. އެއާއެކު ގާޒާގެ މުޅި ޖައްވު ބޯ ކަޅު ދުމުން ފުރިގެން ދިޔައެވެ.
ހަމާސްގެ ހަމަލާތައް އިއްޔެ ވަރުގަދަ ކަމުން އިޒްރޭލަށް ސިހުން ލިބިގެން ދިޔަ އިރު, ހަމާސް އިން ވަނީ ޔަހޫދީންގެ ބްރިގޭޑެއްގެ ކޮމާންޑަރަކާއި އެތައް ސިފައިންނެއްގެ އިތުރުން އާންމުންގެ އެތައް ބަޔަކު ރަހީނުކޮށް ގާޒާއަށް ގެންގޮސްފައެވެ. އެމީހުން ގާޒާއަށް ގެންދިޔުމުން އާންމުން ނިކުމެ އުފާފާޅުކުރަމުން ދާ މަންޒަރުތައް ލައިވް ކޮށްފައި ވާ އިރު, ޔަހޫދީ ޓީވީތަކުން ދެއްކި މަންޒަރުތަކެއްގައި މެޑިޓަރޭނިއަން ކަނޑުން އިޒްރޭލުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ހަމާސްގެ ފައުޖީން ތަކަކަށް ހަމަލާދީ ޝަހީދުކޮށްލާ މަންޒަރު ފެނިގެން ދިޔައެވެ.
ހަމާސް އިން ފެށި މިހަމަލާތައް އެމެރިކާއިން ވަގުތުން ކުށްވެރިކޮށް ބަޔާން ނެރެފައި ވާ އިރު، އިޒްރޭލުން ބުނީ، ޕަލަސްތީނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ފުރިހަމަ ހައްގާއި އިހުތިޔާރު ލިބިފައި ވާ ކަމަށާއި އަދި ދިގުދެމިގެން ދާ ހަމަލާތަކެއް ދޭނެ ކަމަށެވެ.
ފަލަސްތީނުގެ ގާޒާ އާއި ވަށައިގެން އޮންނަ ސަރަހައްދުތަކަށް ޔަހޫދީން ބާރު ފޯރުވާތާ ކިތަންމެ ޒަމާނެކެވެ. 1967 ގެ އަރަބް އިޒްރޭލް ހަނގުރާމަ އަށް ފަހު އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ބާރެވެ