ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 5 ވަނަ ފަންގިފިލާގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިނގަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" މި ނަމުގައި އިދާރާއެއް، މިދިޔަ ބުރާސްފަތި ދުވަހު އުފައްދާފައިވާ ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސަވައިފައިވަނީ ޕީއެންސީގެ ޗެއާޕާސަން، ލ. ފޮނަދޫ، އަރާއިރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ރައީސް އޮފީހުން ބުނީ އެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސް އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް، ހުސައިން އާމިރު ކަމަށެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ރައީސް އައްޔަންކޮށްފައިވާ ފަރާތްތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނޭ ލިޔުން، އެ ފަރާތްތަކާ ގުޅިގެން ތައްޔާރުކުރުމާއި އެއް ވުޒާރާއަކުން ކުރާ މަސައްކަތްތަކެއް އެހެން ވުޒާރާއަކަށް ބަދަލުވެދާނެ ކަމަށް ޓަކައި، މުވައްޒަފުންނާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނޭ ލިޔުން ތައްޔާރުކޮށް، މަސައްކަތްތަކާ ގުޅޭ ލިޔުންތައް ފައިލްކޮށް، މަސައްކަތް އެހެން އިދާރާއަކަށް ބަދަލުވެއްޖެނަމަ ބަދަލުވާ އިދާރާއަކުން އެ މަސައްކަތް ކުރުމަށް މަގުފަހިވާނޭ ގޮތަށް ލިޔެކިޔުންތައް ހަމަޖެއްސުމަށް މީގެ ކުރިން ރައީސް އޮފީހުން ވަނީ އަންގާފައެވެ.

އޭގެ އިތުރުން އިދާރާގެ ނަމަށް ނުވަތަ މަސައްކަތްތަކަށް ބަދަލު އަތުވެދާނެކަމަށްޓަކައި ނުވަތަ ވުޒާރާއެއްގެ ދަށުން ހިނގަމުންދާ އިދާރާއެއްނަމަ އެ އިދާރާގެ ބެލެނިވެރި ވުޒާރާ ބަދަލުވެދާނެކަމަށްޓަކައި އެއިން ބަދަލެއް އަތުވެއްޖެނަމަ އަދާހަމަކުރަންޖެހޭ މައުލޫމާތު ފާހަގަކޮށް، ބަދަލު އަންނަ ގޮތަކަށް މައުލޫމާތު އަދާހަމަކުރަމުން ގެންދިއުމަށްވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރައީސް އައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން މި ދައުރު ނިމެންދެން އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް އަންގާ ކަމަށެވެ.