ކޮލަމްބޯއިން މަތުގަމާއަށް ދަތުރުކުރި ބަހެއްގެ މައްޗަށް ގަހެއް ވެއްޓި ފަސް މީހަކު މަރުވެ ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޑުޕްލިކޭޝަން ރޯޑްގައި ހުންނަ ލިބަޓީ ރައުންޑްއެބައުޓް އާ ގާތްގަނޑަކަށް 100 މީޓަރު ދުރުންނެވެ.

އެ ގައުމުގެ ފުލުހުން ބުނާ ގޮތުގައި، މަރުވި އެންމެންނަކީ ވެސް ފިރިހެނުންކަން ހޮސްޕިޓަލުން ކަށަވަރު ކޮށްދީފައި ވާ އިރު ޒަހަމްވި ފަސް ފަސިންޖަރުންނަށް ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދަށް މޫސުމީ ވިއްސާރަ ކުރަމުންދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، ސްރީލަންކާގެ ގެތަކާއި ދަނޑުތަކާއި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 12 ޑިސްޓްރިކްޓެއްގެ އެތައް ސަތޭކަ ގެއަކަށް ގެއްލުންވެ، 50،000 އަށް ވުރެ ގިނަ މީހުންނަށް އަސަރު ކޮށްފައި ވާ ކަމަށާއި އޭގެ ތެރޭގައި ވަގުތީ ހިޔާތަކަށް ބަދަލުކުރި 1،473 އާއިލާ ހިމެނޭ ކަމަށެވެ.

އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ އައްސޭރިފަށުގެ މަޓާރާ ޑިސްޓްރިކްޓަށް ކަމަށާއި ގިނަ ސަރަހައްދު ތަކުގައި ފެންބޮޑުވެފައި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު އޮތުމުން މަޓާރާގެ ސްކޫލްތައް މިއަދު ވަނީ ބަންދު ކޮށްފައެވެ.