ޕާކިސްތާންގައި ލޮލު ރޯގާއެއް ފެތުރޭތީ 56،000 ސްކޫލެއް ބަންދުކޮށް އެންމެން ގޭގާއި ތިބުމަށް އިލްތިމާސް ކޮށްފިއެވެ.

އިދާރާތަކުން ބުނާގޮތުން އެއްދުވަހަކާ 13،000 ކުދިންނަށް ލޮލު ރޯގާ ޖެހިގެން ވަނީ ރިޕޯޓް ކޮށްފައެވެ.

އެތައް މިލިއަން ދަރިވަރުންނަށް ގެއަށް ފޮނުވާލާފައި ވާ އިރު މި ރޯގާ އެންމެ ބާރަށް ފެތުރެނީ އެންމެ ބައިބޯ އެއް ސިޓީ ކަމަށް ވާ ޕަންޖާބުގައެވެ.

މިހާތަނަށް 400،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވާ އިރު، މި ރޯގާގައި ލޯ ޕިންކްވެ، ރަތްވެ، ލޮލުގެ ކަޅިމައްޗާ ހަމައަށް ރަތްކަން ފެތުރިގެން ދެއެވެ. އަދި ލޯ ހިރުވާ، ޑިސްޗާޖްވެސް އާދެއެވެ.

ގައިން ގަޔަށް އަރާ މި ރޯގާ ފެތުރޭ ގޮތްތަކުގެ ތެރޭގައި ކެއްސާ ކިނބިހި އެޅުން ވެސް ހިމެނޭ ކަމަށް އިދާރާތަކުން ބުނެއެވެ.

ސްކޫލުތަކަކީ ގިނަ އަދަދެއްގެ ދަރިވަރުން އެކުގައި ކިޔަވަން ދާ ތަންތަން ކަމުން، ރޯގާ ފެތުރުމުގެ މަގު ފަހިވާލެއް ބޮޑެވެ. އެހެން ކަމުން 3-4 ދުވަހަކަށް ސްކޫލުތައް ބަންދުކޮށް ގޭގޭގައި ކުދިން އެކަހެރިކޮށް ތިބުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެގައުމުގެ އިދާރާތަކުން ވަނީ އާންމުކޮށް އަންގާފައެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި މި ބާވަތުގެ އިންފެކްޝަންތަކަކީ، މާ ނުރައްކަ އިންފެކްޝަންތައް ކަމަށް ނުވިޔަސް ޕާކިސްތާނުގެ މާހައުލަކީ ހިރަފުސް މާހައުލެއް ކަމުން ބެކްޓީރިއާއެއް އަށަގަނެ ފެތުރުމުގެ ފުރުސަތު ބޮޑެވެ.

ލޮލަށް ޖެހޭ ބެކްޓީރިއާ ރޯގާ ނުވަތަ ލޮލުރޯގާގައި އަވަހަށް ފަރުވާ ނުކުރެވިއްޖެ ނަމަ، ތުއްތުކުދިންނަށް ނުރައްކާ ވެދާނެ ކަމަށާއި ފެނުމަށް ވެސް އަސަރު ކޮށްފާނެ ކަމަށް މާހިރުން ބުނެފައި ވެއެވެ.

ސްކޫލުތައް ބަންދު ކުރިތާ 24 ގަޑި އިރު ވެފައި ވާ އިރު ރިޕޯޓް ކުރި ކޭސްތައް ވެސް މަދުވެއްޖެ ކަމަށާއި ފާއިތުވި 24 ގަޑިއިރު ރެކޯޑް ކުރެވިފައި ވަނީ 1134 ކޭސް ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.