ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހެނދުނު މުއިއްޒު ދިރިއުޅުއްވާ އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތުގައެވެ. މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މުއިއްޒު ބައްދަލު ކުރެއްވި ފުރަތަމަ ބޭރުގެ ސަފީރުވެސް މެއެވެ.

މި ބައްދަލުކުރެއްވުމުގައި އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް އިނގިރޭސި ވިލާތުގެ ސަރުކާރާ ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި މަރުހަބާ ދަންނަވާފައެވެ.

އަދި މުއިއްޒުގެ ޒައާމަތުގައި އިނގިރޭސިވިލާތާ ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވެފައިވެއެވެ. އަދި އިންތިހާބީ ރައީސް ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާ ކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއްކަމަށާއި ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިނގިރޭސި ވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތްގުޅުން މި ސަރުކާރުން ވެސް ދަމަހައްޓަވަމުން ގެންދަވާނެ ކަމަށް ލިބިވަޑައިގަތް ފުރިހަމަ ޔަގީންކަމެއް ކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މުއިއްޒު، އިނގިރޭސި ސަފީރާ މިއަދު ބައްދަލު ކުރައްވަނީ

އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކު ވެސް އޮންނާނެކަމަށް ދެއްވި ޔަގީންކަމަށްޓަކައި ސަފީރަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް އިނގިރޭސި ވިލާތާއޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

އަދި ދިވެހި ގައުމަށާއި ރައްޔިތުންނަށާއި މަންފާހުރި އާ އެތައްކަމެއް އިނގިރޭސިވިލާތާއެކު އޮތް ގާތްގުޅުމުގެ ސަބަބުން ހާސިލްވާނެކަމުގެ އުންމީދުކުރައްވާ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒުގެ އިތުރުން މި ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.