މި ހިނގާ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ނިޒާމީ ވޯޓު ނަގަން މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މީގެ ކުރިން ބުނެފައި ވީ ނަމަވެސް އެ ވޯޓަށް ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ނިޒާމީ ވޯޓާ ގުޅޭ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރަން މިއަދު އީސީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނިޒާމީ ވޯޓަށް އާންމުން ހޭލުންތެރިކުރުމަށާއި ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވައިލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތަކުގެ އިތުރުން އެ ވޯޓާ ގުޅޭ ކަންކަމަށް އެކަށީގެންވާ ވަގުތު އަދިވެސް ބޭނުންވާ ކަމަށެވެ.
އަދި އެކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާ އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު މަޖިލީހުގެ އިދާރާއަށް ފަހުން އަންގާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ. ބަހުސްގެ މަރުހަލާގެ ތެރެއިން ނަޝީދު ވިދާޅުވީ ކުރިން ނިޒާމީ ވޯޓު ނަގަން ކަނޑައަޅާފައިވާ ދުވަސް ކަމަށްވާ އޮކްޓޯބަރު 29 ގައި ނިޒާމީ ވޯޓު ނުނެގޭނެ ކަމަށް އީސީގެ ސިޓީންވެސް އިނގޭ ކަމަށެވެ. " އެހެން ކަމުން މިވަގުތު އެ ވޯޓްގެ ތާރީހުގެ ކަންކަމަކީ ފަހުން ނިންމަން ޖެހޭ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަން" ނަޝީދު ވިދާޅުވިއެވެ.
ނިޒާމީ ވޯޓެއް ނަގަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އޭނާގެ ހުށަހެޅުމުއި ގޮވައިލެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަމަވެސް މި މަހުގެ 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިސްލާހު ހުށަހަޅާ މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި 31 މެންބަރުންގެ އިއްތިފާގުން އެ ގަރާރު ފާސްކޮށްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މަޖިލީހުން ނިޒާމީ ވޯޓު ނެގުމަށް ފާސްކޮށްފައި ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދާވެސް އެކުގައެވެ. އެއާއެކު ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް އާންމުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ބޭނުންކުރާ ކަރުދާހުގައި އޮންނާނެ އިބާރާތް ކަނޑައެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފެއްދި 'ދަ ޑިމޮކްރެޓްސް' އިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ މެންބަރުންގެ އިތުރުން އެ ޕާޓީގެ އާންމު މެންބަރުންވެސް ވަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެކަމަށް ބުނެފައެވެ.
މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ވިދާޅުވެފައެވެ.