ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ދިވެހި ފިރިހެނެއް ކަމަށްވާ ހުސައިން ތާއިލް 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
މިއީ ފެބްރުއަރީ 26، 2019 ގައި މާލޭގެ ގެއެއް ކަމަށްވާ ގ.ވަށަފަރުގޭގައި މަސްތުވާ ތަކެއްޗާއި ބަނގުރާ ބޭނުންކޮށް ގެންގުޅެ އަދި އެކަމުގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތާއެކު ކޯޓު އަމުރެއްގެ ދަށުން އެތަނަށް ފުލުހުން ވަދެ ބަލައި ފާސްކުރި މައްސަލައިގައި ހައްޔަރު ކުރި ހުސައިން ތާއިލްގެ އިތުރުން އެހެން މީހެއްގެ މައްޗަށް ދައުލަތުން އުފުލި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ މައްސަލައެވެ. އެ ގެ ފާސްކުރި އިރު އޭނަ ދިރިއުޅޭ ކޮޓަރީގައި ހުރި އަލަމާރީގެ ވަތްގަނޑު ތެރެއިން ނެގި 73 ރަބަރު ޕެކެޓުގައި ޖުމްލަ 30.8634 ގްރާމްގެ ކެނެބިސް ވަނީ ފެނިފައެވެ.
އޭނާ ވަނީ އެ ކުށަށް އިންކާރު ކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގެ އުގޫބާތެއްގެ ގޮތުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ތާއިލް އުމުރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.
ހަމައެއާއެކު އޭނާ ވަނީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ހުކުމް ކޮށްފައެވެ. އެގޮތުން ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަންގާފައެވެ.
އަދި މި މައްސަލައިގައި ހައްޔަރު ކުރި މަހުމޫދު އަބްދުﷲގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން ކަނޑައަޅާފައި ވަނީ އޭނާގެ މައްޗައް އެ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތި ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ތާއިލް 1 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ވަނީ ހޭދަ ކޮށްފައެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތް ކޮށް އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު އޭނާ ދެން ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 24 އަހަރާއި 09 މަހާއި 12 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި މައްސަލަ ބައްލަވާފައި ވަނީ ގާޒީ މުހައްމަދު މިސްބާހުއެވެ.