ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން މިރޭ ބޭއްވުމަށް ނިންމާފައި ވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީ އިން ތާއީދު ކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ގައުމީ މަޖިލިސް މިރޭ 8:30 ގައި އިމާދުއްދީން ސްކޫލުގައި ބޮނޑިބަތާއެކު އޮންނާނެ ކަމަށެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގާފައެވެ. މަޖިލީހުން ނިޒާމީ ވޯޓު ނެގުމަށް ފާސްކޮށްފައި ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދާވެސް އެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފެއްދި 'ދަ ޑިމޮކްރެޓްސް' އިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ މެންބަރުންގެ އިތުރުން އެ ޕާޓީގެ އާންމު މެންބަރުންވެސް ވަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެކަމަށް ބުނެފައެވެ.

މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ވިދާޅުވެފައެވެ.