ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތީގެ ރަޖިސްޓްރީ ދެން ހަވާލުކުރާނީ ސީއެޗްއެސްއީ ކުރިން ހިންގި އިމާރާތުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮކްޓޯބަރު 3 ވާ އަންގާރަ ދުވަހުން ފެށިގެން ގޯތީގެ ރަޖިސްޓްރީ ދޫކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުރީގެ ސީއެޗްއެސްއީ އިމާރާތުގައި ކަމަށެވެ. މީގެ ކުރިން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައި ވަނީ ހުޅުމާލޭ ސިންތަޓިކް ޓްރެކުގަ އެވެ.

ބިން ވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިންނާއި، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކޮށް ހުޅުމާލެއިން ގޯތީގެ އިން ޖަހާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ގުޅިފަޅުން އިން ޖަހައި ގޯތި ދޫކޮށް ފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

މިހާރު ވެސް އެ ސަރަހައްދުތަކުން އިން ޖަހައި މީހުންނަށް ގޯތި ދޫކުރަމުން އަންނަ އިރު، މިހާރު ގޯތި ދޫނުކޮށް އޮތީ ގިރާވަރު ފަޅުންނެވެ. އެއީ އެންމެ ގިނަ މީހުންނަށް ގޯތި ދޫކުރާ ސަރަހައްދު ވެސް މެއެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.