ސަރުކާރު ޒިންމާދާރު ކުރުވުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އޭނާގެ ރަނިންގް މޭޓު ހުސައިން މުހައްމަދު ލަތީފު (ސެންބެ) އަށް މަރުހަބާ ދަންނަވާ ފައްޔާޒް ވިދާޅުވީ ސަރުކާރު ޒިންމާދާރުކޮށް ޑިމޮކްރެޓިކްގެ އުސޫލުތައް ހިމާޔަތްކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ.

މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވާ 54 ޕަސެންޓުން ކުރި ހޯއްދަވައިގެންނެވެ.

ވޯޓުލުމަށް ޖުމްލަ 586 ފޮށިބެހެއްޓި އިރު މިހާތަނަށް އެއް ވޯޓު ފޮށީގެ ނަތީޖާ ފިޔަވާ ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ ވަނީ ގުނާ ނިމިފައެވެ. އެ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު މުއިއްޒަށް 127،927 ވޯޓު ލިބިވަޑައިގެންފައި ވާއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،261 ވޯޓެވެ.

ބަލި ގަބޫލުފުޅު ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ރައީސް ސޯލިހުވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އިންތިހާބު ކުރިއަށް ދިޔަ ވަގުތު ރައްޔިތުން ރީތި ނަމޫނާ އެއް ދައްކާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދިން ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިއްޔެ ނިމުނު އިންތިހާބުގެ ވަގުތީ ނަތީޖާ އިން ކުރި ހޯއްދެވި މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. ފުރަތަމަ ޖުމްހޫރިއްޔާއިން ބަލާނަމަ މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. މުއިއްޒަކީ ހުވާ ކުރުމާ ހަމައަށް މާލެ ސިޓީގެ މޭޔަރުވެސް މެއެވެ.

މިދިޔަ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 15،474 ވޯޓުގެ ފަރަގެވެ.