މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާއިރު ލ. ފޮނަދޫ ވޯޓުލާ މަރުކަޒަކުން ކުރަހާފައިވާ ކަރުދާހެއް ދޫކުރި މައްސަލާގައި ވޯޓުލުން މެދުކަނޑާލުމަށް ފަހު އަލުން ފަށައިފިއެވެ.

އެކަން އީސީ އިން ކަށަވަރު ކޮށްދީފައި ވާއިރު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "ދަ ޕްރެސް" އަށް ވިދާޅުވީ އެ މައްސަލަ ހިނގާފައިވާ ގޮތް ބަލާނެ ކަމަށާއި ވޯޓުލާން ފަށަނީ ކަރުދާސް ދޫކުރި އޮފިޝަލު އެހެން މަސައްކަތަކަށް ބަދަލުކުރުމަށް ފަހު ކަމަށެވެ.

އެކަމުގެ ކަނބޮޑުވުން ފުރަތަމަ ފާޅުކުރައްވާފައި ވީޑިއޯއެއް ހިއްސާކުރައްވާ އެ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައި ކަމަށެވެ. އަދި އެ 3 ކަރުދާސް ދޫކޮށްފައި ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ޔަގީންވާ މީހުންނަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވަނީ ވޯޓު ބާތިލުކުރަން އެފަދަ ކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރި ވުމަށް އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން ބުނީ އެ މައްސަލަ ފާހަގަވެގެން އެކަން އީސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ބުނީ ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.