ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު ވޯޓު ލައްވައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނާޝިދު ވިދާޅުވީ ވޯޓު ލުމުގެ ހައްގު އަދާކުރައްވާފައިވާ ކަމަށާއި ވޯޓު ލެއްވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށެވެ. މީގެ ކުރިން ނާޝިދު ތާއީދު ކުރައްވަމުން ގެންދެވީ ސަރުކާރު ހިންގަމުންދާ އެމްޑީޕީއަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެކޭ އެއްފަދައިން އޭނާވެސް ވަނީ ނަޝީދު އިސްކޮށް ހުންނަވާ 'ދަ ޑިމޮކްރެޓްސް' އުފެއްދެވި ފަހުން އެމްޑީޕީއަށް ސަޕޯޓު ކުރުން ރަސްމީކޮށް ހުއްޓާލައްވާފައެވެ.

ރައީސް ނަޝީދު އެމްޑީޕީއާ ދުރަށް ޖެހިވަޑައިން 'ދަ ޑިމޮކްރަޓްސް'ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި އެ ޕާޓީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް އިންތިހާބުގެ ތިންވަނަ ކާމިޔާބު ކުރި ނަމަވެސް ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާ ކޯލިޝަން ހައްދަވާފައެއް ނުވެއެވެ. ނަމަވެސް ޑިމޮކްރެޓުންގެ ތެރެއިން ގިނަ ބަޔަކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމާ އެ ފަޅިއަށް އަރާފައި ވާކަން ފާހަގަ ކުރެވެއެވެ. އަދި ބައެއް މެންބަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ އިރު 'އިބޫ ނޫން ގޮތެއް' ގައި ތިބި ޑިމޮކްރެޓުންވެސް އެބަތިއްބެެވެ. އެއީ ދެވަނަ ބުރުގައި ވާދަ ކުރާ 2 ކެންޑިޑޭޓުން ކުރެ ކެންޑިޑޭޓަަކަށް ވެސް ތާއީދު ނުކުރާ މީހުންނެވެ.

މިހާތަނަށް އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޑރ. މުހައްމަދު މުއިއްޒުއާއި އޭނާގެ ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހިމެނެއެވެ. އަދި ރައީސް ސޯލިހުވެސް 10:00 ގެ ފަހުން ވޯޓު ލައްވާނެ ކަމަށް ވެއެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާފައި ވެއެވެ. އެއީ އަތޮޅުތަކުގައި 319 ފޮށްޓާއި، މާލެ ސަރަހައްދުގައި 187 ފޮށްޓާއި، ރިސޯޓުތަކުގައި 65 ފޮށީގެ އިތުރުން، ރާއްޖޭން ބޭރުގައި 9 ފޮށްޓެވެ. އަދި ހަމައެހެންމެ ޖަލުތަކުގައި 5 ފޮށި ބަހައްޓާފައިވާއިރު ސިނާއީ ސަރަހައްދުގައި 1 ފޮށި ވަނީ ބަހައްޓާފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ބަޔަކު ވޯޓުލާފައި ނުވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 50،047 މީހުން ވަނީ ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހާފައެވެ.