ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވައިފިއެވެ.

މެޑަމް ފަޒްނާ ވޯޓު ލައްވާފައިވަނީ މާފަންނު ހުޅަނގު-2 ވޯޓު ފޮށްޓަށެވެ. އަދި ސާޖިދާ ވޯޓު ލައްވާދައިވަނީ އަަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަކަށެވެ.

ފަޒްނާ އަދި ސާޖިދާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވަނީ ވޯޓު ލައްވާފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް ޔާމީން ވެސް ވޯޓު ލައްވާފައިވާއިރު އިންތިހާބުގެ ފުރަތަމަ ބުރުގައި ޔާމީން ވޯޓުލައްވާފައެއް ނުވެއެވެ.

ދެވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 586 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާއިރު އަތޮޅުތަކުގައި 3119 ފޮށީ އަދި ރިސޯޓުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އަދި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ