ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ފޯރު ކޮށްދެމުންދާ ބަހުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.

ރޭގެ ވަގުތެއްގައި ހާއްސަ ރަސްމިއްޔާތަކާއެކު ކުޅުދުއްފުށީގައި ފެށި ބަހުގެ ހިދުމަތް ފުރަތަމަ ދިނުމަށް ނިންމާފައި ވަނީ ހިލޭ އެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ބަސް ރޫޓުތަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އަހުލުވެރިކުރުމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން އޮޅުން ފިލުވުމުގެ މަގްސަދުގައި ނިންމި ނިންމުމެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި ވަކި މުއްދަތަކަށްފަހު އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް ބަސް ރޫޓް ޗެކް ކުރުމުގެ އިތުރުން އޮންލައިންކޮށް ޓިކެޓް ނަގައިގެން ދަތުރު ކުރެވޭނެ ކަމަށް ވެއެވެ. ކުޅުދުއްފުށީގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށްޓަވައިދެއްވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އާރްޓީއެލްގެ ހިދުމަތް މާލެ ސަރަހައްދުގެ އިތުރުން އުތުރުގެ ހއ. ދިއްދޫ އާއި ލ އަތޮޅުގައި ހިދުމަތް ދިނުމަށް ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ ދެކުނުން އައްޑޫސިޓީގެ އިތުރުން ފުވައްމުލަކުގައި ހިދުމަތް ދެމުން ގެންދެއެވެ.

އާރްޓީއެލް ނިޒާމަކީ މުޅި ރާއްޖޭ ދަތުރުފަތުރުގެ ވިއުގާއަކުން ގުޅާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ބިޔަ މަޝްރޫއެކެވެ. އަދި އަތޮޅުތަކުގައޮ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ގިނަ އަދަދެއްގެ ބަސް ރާއްޖެ ގެނެސްފައެވެ. އަދި މިއީ 18 ނުވަތަ 20 މީހުންގެ ޖާގަ އެކުލެވޭ ބަސްތަކެކެވެ.