ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އައްޑޫ ސިޓީއިން މެޖޯރިޓީ ދެއްވާނެކަން ޔަގީންވެވަޑައިގަންނަވައިފި ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ޕީޕީއެމް ޖަގަހާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އައްޑޫއިން ލިބެމުންދާ ތަރުހީބު ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ ސިޓީގެ ރައްޔިތުންގެ ތާއީދާއެކު ހޮނިހިރު ދުވަހުގެ ވޯޓުގައި އެ ސިޓީއިން މެޖޯރިިޓީ ދެއްވާނެ ކަން ޔަގީންވެވަޑައިގެންފައިވާ ކަމަށާއި ބޭނުންވަނީ ގައުމަށް ހަމަޖެހުމާއި މިނިވަންކަން ޔަގީންކުރައްވަން ކަމަށެވެ.
މުއިއދު ވިދާޅުވީ ބޭނުންވަނީ އިގްތިސޯދު ވެއްޓިގައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖަހައިދެއްވުން ކަމަށާއި ޒުވާނުންގެ ވަޒީފާއާއި އާމްދަނީ ފުރުސަތުތައް ފަހިކޮށްދެވުން ކަމަށެވެ. އަދި ފުދުންތެރި އަދި ގެދޮރުވެރިކަން ޔަގީން ކޮށްދިނުމާއެކު އިޖްތިމާއީ ދުޅަހެޔޮކަން ހުރިހާ ރައްޔިތުންނަށް ޔަގީންކޮށްދެއްވުމަކީވެސް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މުޖުތަމައުއަކީ އެކަކު އަނެކަކަށް އިހުތިރާމުކޮށް ރަނގަޅަށް ކަންތައްތައް ކުރާ، ރިވެތި އަހުލާގުގެ މައްޗަށް ބިނާވެގެންވާ ހަމަޖެހޭ މުޖުތަމައުއަކަށް ހަދައިދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެކަން ކުރެވޭނީ ގައުމީ ވިސްނުމެއްގައި ނިކުމެ ވާހަކަދައްކަައިގެން ކަމަށާއި ޔަގީން ކުރަނީ ދިވެހި ރައްޔިތުންނަކީ މާޒީގައިވެސް ގައުމުގެ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު ގައުމީ ވިސްނުން އިސްކުރި ބަޔަކަށް ވާތީ އަދިވެސް އެގޮތަށް ތިބޭނެ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ގައުމަށް ރައްޔިތުންގެ ބޭނުން ޖެހޭއިރު ރައްޔިތުން ވަނީ އެކަންކޮށްދީފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހޮނިހިރު ދުވަހު އެންމެން ނިކުމެ ގައުމީ ވިސްނުމެއްގައި މި ގައުމުގެ މިނިވަންކަން މިހާރު އޮތް ހިސާބުން ސަލާމަތްކޮށް، ދަރިންގެ ދަރިންގެ މުސްތަގުބަލަށްޓަކައި ހެޔޮ ގޮތުގައި ގޮތް ނިންމަމީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އިންސާފުވެރިކަމާއި އަދުލުވެރިކަން ގާއިމުކޮށްދެއްވާނެ ކަމަށާއި ހަމަޖެހުން ގާއިމުކޮށްދޭނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ. އަދި ހުރިހާ އިދާރާތަކަކީ މިނިވަންކަމާއެކު ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ތަންތަނަށް ހަދައިދެއްވާނެ ކަމަށާއި ޖުޑިޝަރީއަކީ މިނިވަންތަނެއްގެ ގޮތުގައި ހަގީގީ މާނައިގައި ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހިންގުން ބާރު ދުވެއްޔަށް ބަދަލުކޮށް ދެ ފުށް ފެންނަ ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އެ ސަރުކާރު ވެގެންދާނީ ރެއާއި ދުވާލު ރައްޔިތުނަނަށް ހިދުމަތްކުރުމުގައި ހީވާގި ސަރުކާރަކަށް ކަމަށް މުއިއްޒު ވަނީ ވިދާލުވެފައެވެ. އަދި އައްޑޫ ސިޓީގެ ތަރައްގީއަށް ރައްޔިތުން އެދޭ ހިސާބަށް ގެންގޮސްދެވޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ވިދާޅުވެފައެވެ.