މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެންދުރު 01:00 އިން ހަވީރު 05:00 އާ ހަމައަަށެވެ. އަދި ހަމައެހެންމެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ސަރަހައްދަށް 11:30 އިން ހަވީރު 5:30 އަށް ވައިޓް އެލާޓްވެސް ނެރެފައިވެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ބޯކޮށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ދާދި ފަހުން ރާއްޖޭގެ ބައެއް ރަށްރަށަށް ކުރި ވިއްސާރާގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެސް ވެފައެވެ.

ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.