އަމާޒަކީ އައްޑޫ ސިޓީގެ 10،000 މީހުންނަށް ވަޒީފައި ހޯދައިދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ހިތަދޫ ދެކުނު ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި ޓޫރިޒަމްގެ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އެގޮތުން 6000 އެނދު ހާސިލްވާ މިންވަރަށް ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ.

މުއިއްޒު ވަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށްޓަކައި އައްޑޫގެ ރައްޔިތުން އުންމީދު ކުރާ މަންޒަރު ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުން އަބަދުވެސް އެދި އެދި ހުރި ތަރައްގީ ދުވަހަކުވެސް އަދި ގެނެވިފައެއް ނެތް ކަމަށާއި އެކަން ހާސިލްކޮށްދިނުމުގައި އިތުބާރު ކޮށް ޒިންމާ ހަވާލުކޮށްފިނަމަ އެ ޒިންމާ އަދާކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އައްޑޫ ސިޓީގެ ހޮސްޕިޓަލަކީ އައްޑޫގައި ތިބެގެން މާލެއަށް ނުގޮސް ހުރިހާ ހިދުމަތްތައް ލިބޭ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ވަށާއިގެން އޮންނަ ކުޅި، ހޮސްޕިޓަލުގެ ތަރައްގީއާއެކު އެ ސަރަހައްދަކީ ހިތް ފަސޭހަ ތަނަކަށް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށާއި ކުޅިވަރު ކުޅެން ބޭނުންވާ ހުރިހާ ފަރާތަތަކަށް ބޭނުންވާ އެކި އެކި ވަސީލަތްތަކާއި ސްޓޭޑިއަމްތައް ޕްލޭން ކުރެވިގެން ކޮށްދެއްވާނެ ކަމަށެވެ. އަދި ބޭނުމަކީ އައްޑޫ ސިޓީގައި ތިބެގެން އާމްދަނީގެ ފުރުސަތު ހޯދައިދިނުން ކަމަށާއި އެކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އައްޑޫ މަގުހެދުމުގެ މަޝްރޫއަށް އިޝާރާތްކުރައްވާ މުއިއްޒު ވިދާޅުވީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ އެންމެ އެދެވޭ ގޮތުގައި ނޫން ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށާއި ބައެއް މަގުތައް ހަދަނީ ރައްޔިތުން އަދޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ބައެއް މަގުތައް މާ ހަނިކޮށް އަދި ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސް އިތުރު މަގުތައް ވެސް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސިޓީއެއްގައި ހުންނަން ޖެހޭ ވަރަށް އައްޑޫ ސިޓީގެ ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި 5 އަހަރުގެ ދައުރު ނިމޭއިރު އައްޑޫ ސިޓީގައި ގެދޮރު ޔަގީން ނުވާ މިީހަކު ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށާއި ބަނދަރު ތަރައްގީކޮށް، ރަނގަޅު ފެންވަރެއްގެ، އެންމެ ފުރިހަމަ ބަނދަރަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި ރަސްރަނި ޕާކު ފަދަ ޕާކެއް ކޮންމެ ސިޓީއެއްގައިވެސް ހަދައިދެއްވާނެ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ އައްޑޫ ސިޓީއަށްވެސް އެ ވައުދުވެވަޑައިގެންފައެވެ.