ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކުނުގެ ތިން ސިޓީއަކަށް ފުރާ ވަޑައިގެންފިއެވެ.

ތިން ސިޓީއަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީގެ ރައްޔިތުންނާއި އެމަނިކުފާނު މިއަދު ބައްދަލު ކުރައްވާނެއެވެ. އެ އަށްފަހު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ސިޓީއެއްގެ ދަރަޖަ ދެއްވި ގދ. ތިނަދޫއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށްތަކަކަށް ވަޑައިގެންފައެވެ. ނަމަވެސް އިންތިހާބުގެ ދެވަނަ ބުރަށް ހޮވި ވަޑައިގަތް ފަހުން އަތޮޅުތަކަށް ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ބޮޑަށް ކެމްޕެއިން ކުރެއްވީ މާލެ ސަރަހައްދުގެ ގެތަކަށް ވަޑައިގަތުމުގެ އިތުރުން މަލޭގައި ކަންމަތީ ޖަލްސާ ބާއްވަވައިގެންނެވެ.

އަށް ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،128 ވޯޓެވެ. ދެވަނަ ހޯއްދެވި މިހާރުގެ ރައީސަށް ލިބިވަޑައިގަތީ 85،989 މީހުންގެ ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ފޯރި ގަދަ ވަމުންދާ މި ދަނޑިވަޅުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ގެންދަވަނީ އަތޮޅު ތަކުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. އެގޮތުން މިއަދު އޭނާވެސް އައްޑޫއަށް ވަޑައުގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ 79.6 ޕަސެންޓު މީހުންނެވެ. އެއީ 224،786 މީހުންނެވެ.