ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އީސީން ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، ދެވަނަ ބުރަށް ގޮސްފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރަައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު އެވެ.
ޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވާއިރު ފުރަތަމަ ބުރުގައި ޖުމްލަ 285،219 ވޯޓު ކަރުދާސް ވަނީ ޗާޕު ކޮށްފައެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބަހައްޓަން ނިންމާފައިވަނީ ޖުމްލަ 586 ވޯޓު ފޮއްޓެވެ. މިއީ ފުރަތަމަ ބުރާ އަޅާ ބަލާއިރު 12 ފޮށީގެ އިތުރުވުމެކެވެ. އަދި އިތުރުވި 12 ވޯޓު ފޮއްޓަށް އޮފިޝަލުން ހޯދުމަށް އީސީ އިން ވަނީ އިއުލާންކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ފެށިގެންނެވެ. އަދި ހަވީރު 05:00 ގައި ކިއު ބަންދު ކުރާނެ ކަމަށް ރިޔާސީ އިންތިހާބާ ގުޅޭ ކަންކަން ކުރަމުންދާ އިދާރާ، އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.