ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުން މަތީ ދެމި ތިބޭނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދަލާތު ޕާޓީން މިހެން ބުނެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް އެމްޑީއޭއިން ހެދި ކޯލިޝަން ރޫޅާލާ، އިދިކޮޅު ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ރޭ ނިންމާފައި ވަނިކޮށެވެ.

އެއާއެކު އަދާލަތު ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުން މަތީ ސާބިތުކަމާއެކީ ދެމި ތިބޭނެ ކަމަށެވެ. "އަދި މާތް ﷲ ގެ އިރާދަފުޅާއެކު މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީއާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި މި ޕާޓީއިން ކުރާނެވާހަކަ ދެންނެެވީމެވެ." އަދާލަތު ޕާޓީގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ރޭ އެމްޑީއޭއިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ކޯލިޝަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ހުށަހެޅީ އެމްޑީއޭގެ ކައުންސިލް މެންބަރު، މުހައްމަދު އައްބާސްއެވެ. އަދި އެ ހުށަހެޅުމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވަނީ ތާއީދު ކުރައްވާފައެވެ. މި ހުށަހެޅުމަށް 33 މެމްބަރުންގެ ތާއީދާއެކު ފާސްވިއިރު ދެކޮޅަށް ވޯޓު ދިނީ ދެ މެންބަރުންނެވެ.

އެގޮތަށް ކައުންސިލްގެ ބައްދަލުވުމުން ނިންމާއިވާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގައި އެމްޑީއޭގެ އިސްވެރިން ވަނީ ރައީސް ސޯލިހުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެތައް ދަތުރެއް ކުރައްވާފައެވެ. އަދި އެ ދަތުރުތަކުގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވަނީ ރައީސް ސޯލިހުއަށް ނުހަނު ތައުރީފް ވެސް ކުރައްވާފައެވެ. ނަމަވެސް އެއާ ހިލާފަށް ދެވަނަ ބުރުގައި އެމްޑީޕީން ބާއްވާ ސިޔާސީ އެއްވެސް ހަރަކާތެއްގައި އެމްޑީއޭއޭގެ ލީޑަރުން ބައިވެރިވެ ވަޑައިނުގަންނަވާކަން ވަނީ ފާހަގަ ވެފައެވެ.

އެމްޑީއޭއިން ކޯލިޝަން ރޫޅާލި ސަބަބު އަދި ސާފު ނުވި ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު ރައީސް ސޯލިހާއި ޑރ. މުއިއްޒާ ދެމެދު 15 ހާސް ވޯޓުގެ ފަރަގު އޮތުމާއި ދެވަނަ ބުރުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދާނެ އިތުރު ޕާޓީއެއް ނުލިބުމާއެކު ރައީސް ސޯލުހަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.