ދީޕިކާ ޕަޑުކޯން އާއެކު ފިލްމު "ޗަޕާކް" ގައި މަސައްކަތްކުރި ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ވިކްރަންތު މަސީ 36، އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު ބަތަލާ ޝީތަލް ތާކުރުއާ ކައިވެނިކުރި ވިކްރަންތު އޭނާއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ދެމަފިރިންގެ ކައިވެނީގެ ފޮޓޯ އަކާއެކު ކެޕްޝަނުގައި "މިއީ އާ ފެށުމެއް" ޖެހުމަށްފަހު ފޮޓޯ އިންސްޓަގްރާމަށް ދޫކޮށްލުމާއެކު އޭގެ މާނަ އާންމުންނަށް އޮޅުވައެއްނުލެވުނެވެ. އެކްޓަރު ބުނީ ބައްޕަ އަކަށްވާތީ އުފާވާ ކަމަށާއި މި ފެށުނީ ދިރިއުޅުމުގެ މުޅިން އާ ޗެޕްޓާ އެއް ކަމަށެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތް އަހަރުފަހުން އޭނާގެ ލޯބިވެރިޔާ ޝީތަލް އާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކައިވެނިކުރިއެވެ. ޝީތަލް އަކީ ޕަންޖާބު ފިލްމު އިންޑަސްޓްރީގެ ނަން މަޝްހޫރު ބަތަލާއެކެވެ. ވިކްރަންތު އަކީ ބޮލީވުޑަށް ތައާރަފްވުމުގެ ކުރިން ޓީވީ ޑްރާމާތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ "ދަރަމް ވީރު" އިންނެވެ. 2008 ވަނަ އަހަރު އެ ޑްރާމާ އިން ވިކްރަންތު ގިނަ ބައެއްގެ މެދުގައި އާންމުވެގެންދިޔައިރު އޭނާއަށް ގިނަ ޑްރާމާތަކުން ހުށައެޅުން ލިބިގެން އައެވެ. އޭގެ ފަހުން ގިނަ ޑްރާމާތަކަކުން ވިކްރަންތު ފެނިގެންދިޔައިރު އެންމެ ފުރަތަމަ އެކްޓަރު ބޮލީވުޑަށް ތައާރަފްވީ 2013 ވަނަ އަހަރުއެވެ. އެއީ އެކްޓަރު ރަންވީރު އާއި ސޮނާކްޝީ ސިންހާގެ "ލުޓޭރާ" އިންނެވެ. އެ ފިލްމުން ބެލުންތެރިންގެ މެދުގައި ވިކްރަންތު މަގްބޫލުކަން ހޯދިއެވެ.

އޭގެ ފަހުން އޭނާ ކުޅުނު މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ހަސީން ދިލްރުބާ"، "ޖިނީ ވެޑްސް ސަނީ"، "ހާފް ގާލްފްރެންޑް" އަދި "ގޭސްލައިޓް" ހިމެނެއެވެ. އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އޮކްޓޯބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ޓުވެލްތު ފެއިލް" އިންނެވެ.