"އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެއްގަމު އުޅަނދު ދުއްވުމަށް އެ މިނިސްޓްރީން ދޫކުރާ ލައިސަންސް ތައް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، "އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމަށް މިއަދުން ފެށިގެން ހުޅުވާލާކަމަށެވެ.

އިތުރަށް އެ މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދެވޭނީ އެ މިނިސްޓްރީން ދޫކޮށްފައިވާ އޭ-ޒޯނުގެ "ދާއިމީ ލައިސަންސް" ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މިގޮތުން ލައިސަންސް ދޫކުރެވޭނީ އެ މިނިސްޓްރީން އެކަށައަޅާ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން މި ގޮތަށް ދޫކުރެވޭ "އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" އަކީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެ ލައިސަންސް އެއް ކަމުގައެވެ.