ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި ފައިސާގެ އަސްލު އޮލުވާލަން ޔާމީން މަސައްކަތް ކުރެއްވި ކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން މިހެން ބުނެފައި ވަނީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ވ. އާރަށް މައްސަލައިގައި އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މީގެ ކުރިން ބޭއްވި އަޑުއެހުމުގައި، މަނީ ލޯންޑާ ކުރަން ބޭނުންފުޅުވެ ވަަޑައިގެންނެވި ނަމަ ރާއްޖޭގެ ބޭންކެއްގައި އޮތް އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި ނުކުތާއަށް ރައްދު ދެމުންނެވެ.

މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ޔާމީންގެ އިސްތިއުނާފީ ނުކުތާތަކާ ގުޅުވައި މަނީ ލޯންޑަރިންގެ މަފުހޫމާ ގުޅޭ ގިނަ ސުވާލުތަކެއް ދައުލަތާ ކުރައްވާފައެވެ. އެއިން ސުވާލެއްގެ ޖަވާބުގައި މަނީ ލޯންޑަރިންގެ މަފުހޫމާ ގުޅޭ ގޮތުން ހުރި ބައިނަލްއަގުވާމީ ބައެއް ލިޔެކިޔުންތަކަށް ހަވާލާދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކޮށް އޭގެ ތެރެއަށް އެހެން ފައިސާ ވެސް ވެއްދުމުން އޭގެ އަސްލު އޮޅޭ ކަމަށެވެ.

ދައުލަތުން ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވެސް ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ހުކުމުގެ ރިޕޯޓުގައި ވެސް މަނީ ލޯންޑަރިންގެ އެ އުކުޅު ކިޔައިދީފައި ވެއެވެ. އެއީ ދެ ފަހަރު މަތިން ވަކިވަކިން އެ ފައިސާގެ ބައިބައި ޖަމާކޮށް، ކޮންމެ ފަހަރަކު އެ ފައިސާގެ ތެރެއަށް އިތުރު ފައިސާ ހިމަނައިގެން ޖަމާ ކުރުމެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދު ދޭން ޔާމީނަށް ވަނީ އަލުން ފުރުސަތު ދީފައެވެ. ޔާމީނު ރައްދު ދެއްވަމުން ވަނީ ކުރިން ދެްކި ވާހަކަ ތަކުރާރު ކުރައްވާފައެވެ.

އެމަނިކުފާނުގެ ނުކުތާއަކީ ބޭންކު އެކައުންޓަކަށް 200،000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ޖަމާވެއްޖެ ނަމަ އެ ކަން އެމްއެމްއޭއަށް އެނގިގެން ބަލާނެކަމެވެ. އެހެންކަމުން ރާއްޖޭގައި އަމިއްލަ އެކައުންޓަކަށް ފައިސާ ދައުރުކޮށްގެން މަނީ ލޯންޑަ ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.