ވާދަވެރިން ކަޅިއެޅިޔަސް ކުރާނެ މާ ބޮޑު އަސަރެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މިރޭ ލ. ގަމަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ވާދަވެރިން ކަޅިއެޅިއަސް އެ ކަޅިން ކުރާނެ މާ ބޮޑު އަސަރެއް މިއަދަކުނެތް ކަމަށާއި މާ ބޮޑަށް ހައްދުންމަތި ވަނީ އެއްކޮޅަށް ބަރުވެފައި ކަަމަށެވެ. އަދި ބޮޑު ފަޅިއަށް އެންމެން އަރާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވަނީ މުއިއްޒުގެ ވެރިކަމެއްގައި ހައްދުންމަތި ބާކީ ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ، އިސްދޫއިން ފެށިގެން މާވަށަށް ތަރައްގީ ގެންނާނީ އެކުއެކީގައި ކަމަށް ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްއަކީ ތަރައްގީގެ ފިކުރު ކަމަށާއި ރައީސް ޔާމިންއަކީ ތަރައްގީގެ ފިކުރުގެ ބޭފުޅެއް ކަމަށެވެ. އަދި ގަމާއި ފޮނަދޫ ޖައްސަން އުޅުނު ޒަމާން މާޒީވެ ގޮސްފައިވާ ކަމަށާއި ގަމާއި ފޮނަދޫ ކުރިއަށްދާނީ އެއް ތަނެއްގެ ގޮތުގައި އެކުއެކީގައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ހަގީގީ ތަރައްގީއަކީ ކޮބައިކަން ދިވެހިންގެ ވިސްނުމަށް ގެނައީ ރައީސް ޔާމީން ކަމަށާއި އޭގެ ކުރިން ބަނދަރާއި އޮފީސް އިމާރާތާއި ފެނާއި ނަރުދަމާ ފަދަ ކަންކަމަކީ ތަރައްގީ ކަމަށް ރައްޔިތުންނަށް ވިސްނުނު ނަމަވެސް މިއަދު ދިވެހިން ގަބޫލުކުރަނީ އެކަންކަމަކީ ކޮށްދޭން ޖެހޭ، އަސާސީ ކަންކަން ކަމަށެވެ. އަދި މިހާރު ތަރައްގީ މާ ބޮޑުވެފައިވާ ކަމަށާއި ތަރައްގީއަކީ ކަނޑު ހުރަސްކޮށް ބްރިޖް އެޅުން ކަމަށާއި ބޮލުގައި އިންނަ ތާކިހާ ވެއްޓޭ ހިސާބަށް އިސްއުފުލާ ހިސާބަށް އިމާރާތް ކުރެވުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށް ތަރައްގީކޮށް ފަހި ފަރުސަތު ހޯދައިދިނުމަކީ ތަރައްގީ ކަމަށެވެ. އަދި މިއަދުގެ ސަރުކާރަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނުމުން ނިކުމެ، ކެންޑިޑޭޓްގެ އަބުރު ކަތިލަން މަސައްކަތް ނުކުރައްވަން އަދުރޭ ވަނީ ގޮވާލައްވާފައެވެ. އަދި އެ ފުރުސަތެއް ނުދެއްވާނެ ކަމަށާއި އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅުގައި ތިބީ މުއިއްޒުގެ އަބުރު ކަތިލެވޭ ވަރުގެ ޓީމެއްނޫން ކަމަށެވެ. އަދި މި މަހުގެ 9 ވަނަ ދުވަހު ރައްޔިތުން ކުރި ސުވާލަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަން އައިސް ކުރީ ކީއްތޯއާއި ވެންޓިލޭޓަރު މައްސަލަ ނުބެލީ ކީއްވެތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ހިތައް އެރިހާ ވައުދެއްވަމުން 2018 ވަނަ އަހަރު ވެރިކަމަށް އައި ކަމަށާއި ފަސް އަހަރު ފަހުން އެ ވައުދު ފުއްދަން ދެވަނަ ފަހަރަަށް ފަސް އަހަރު ދޭށޭ ބުނެފައިވާ ކަމަށެވެ، އަދި އިތުރު ދައުރެއް ދެވެން ނެތް ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ކާބަފައިން ލެޔާއި ދާ އޮހޮރުވައިގެން ހޯދި، މިނިވަން ދިވެހިރާއްޖެ ބީވެގެންދާއިރު ބަލަހައްޓައިގެން ނުތިބޭނެ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށާއި ޒުވާނުން ނިކުތީ ޝަހީދު ހުސައިން އާދަމްގެ ހިތްވަރުން ހިތްވަރު ލިބިގެން ކަމަށެވެ.

އަދުރޭ ވިދާޅުވީ ދިވެހިންގެ ރާއްޖެއަށް ދެވޭނެ ކެންޑިޑޭޓަކަށް ހުރީ މުއިއްޒު ކަމަށާއި އެއީ ފަސްބައިގައި ކިލަބު ކަމެއް ނެތް، ހިދުމަތްުގެ ރީތި މާޒީއެއް އޮތް، އިލްމީ ގާބިލް އަދި އަހުލާގީ ރިވެތި ސިފަ ލިބިގެންވާ ކެންޑިޑޭޓެއް ކަމަށެވެ. އަދި އެއީ އިސްލާމްދީނަށް ލޯބި ކުރާ، މުސްކުޅިނަށް އަޅާލާ، ހަރުމީހުންނަށް އިހުތިރާމްކުރާ، ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމުގެ ވިސްނުން ހުރި، ކެންޑިޑޭޓެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެއްގޮތަކަށްވެސް ވައްކަންކުރެވިދާނެ ކަމަށް ހީވެސް ނުކުރެއްވުމަށާއި ރައްޔިތުން ތިބީ އެ ފުރުސަތު ދޭން ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައްޔިތުން ތިބީ އެކަން ކުރާއިރު ބަލަހައްޓައިގެން ތިބޭ ގޮތަކަށް ނޫން ކަން ފާހަގަކުރައްވާ އަަދުރޭ ވަނީ އެކަމަށް ސަމާލުވުމަށް އީސީއަށް ގޮވާލައްވާފައެވެ.