މިދިޔަ މެއި މަހު ޝޫޓްކުރަން ފެށި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "މީ އިޝްގް" ގެ ޓީޒާ ދައްކާލައިފިއެވެ.
އާމިނަތު ރަޝްފާ (ޗުވީޓް އާޝާ) އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ މާލޭ އާއި މާފުށީގެ ހިތްގައިމު މާހައުލުގައި ޝޫޓްކުރާ ފިލްމެކެވެ. ފިލްމު "ހިނދުކޮޅެއް" އިން މި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު ބެލުންތެރިން ދެން އެންމެ އިންތިޒާރު ކުރީ އަނެއްކާވެސް މިދެތަރިން އެކުގައި ފިލްމެއް ކުޅޭނެ ދުވަހަކަށެވެ. "ދަރަކަ" އަދި "މިރާއީ" ޑައިރެކްޓްކޮށް އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "މީ އިޝްގް" އަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ.
ފިލްމުގެ ޓީޒާގައި ބުނެފައިވަނީ މި ފިލްމު ވަރަށް އަވަހަށް އޮލިމްޕަސް ސްކްރީނަށް އަންނާނެ ކަމަށެވެ. ބެލެވޭ ގޮތުގައި މި ފިލްމު ސިނަމާއަށް އަންނާނީ އަންނަ އަހަރުއެވެ. ސަބަބަކީ މިއަހަރު އެއްކޮށް ދިވެހި ފިލްމުތައް އަޅުވަން އޮލިމްޕަސް ސިނަމާ އެއްކޮށް ބުކްކޮށްފައިވާތީއެވެ. މިއަހަރު ނިމިގެންދާނީ ވެސް ޑާކްރެއިންގެ ފިލްމަކުންނެވެ. އެއީ "ނޮވެމްބާ" އެވެ.
ފިލްމު މިދިޔަ މަހު ލޯންޗްކުރަމުން އަޒްހާން ބުނީ މި ފިލްމަކީ ބެލުންތެރިން ރޮއްވާލާނެ ކަހަލަ އަސަރުގަދަ ފިލްމެއް ކަމަށެވެ. ތަފާތު ގިނަ ކަންތައްތަކެއް މި ފިލްމުން ފެނިގެންދާއިރު މިއީ ލޯބީގެ ރީތި ފިލްމެއްކަމަށް ވެސް އަޒްހާން އޭރު ވަނީ ބުނެފައެވެ.