މި ސަރުކާރުގެ ތެރެއިން ފެންނަނީ 'އަޅުވެތިކަމު'ގެ މަންޒަރު ކަމަށާއި، ހދ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެ، އެ ރަށުގެ ރައްޔިތުންގެ ކުރިމަތީގައި މިދިޔަ ރޯދަ މަހު ދުވާލުގެ ވަގުތުގައި ކައިބޮއެ ހެދި ކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އޭނާ އަށް ލިބުނު ކަމަށް މައި އިދިކޮޅު ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، ޒަމާން ބަދަލުވެ، ގައުމުތައް އަޅުވެތިކުރަނީ ކުރީ ޒަމާނުގައި ގައުމުތައް އަޅުވެތިކުރާ އުސޫލަކުން ނޫން ކަމަށެވެ.
"ކުރީގަ ޕޯޗުގީޒުން ރާއްޖެ އެރިއިރުގަ ހަނގުރާމަކޮށްގެން ނޫނިއްޔާމު ކަނޑި ބަޑި ހިފައިގެން އަރާތިއްބަކަސް މިހާރަކު އެހެނެއް ކަމެއް ނުކުރާނެ،" މުއިއްޒު ވިދާޅުވިއެވެ.
"މިހާރު މި ފެންނަނީ ބޭރު ގައުމެއްގެ އެހީތެރިކަން ރާއްޖެ އަށް ބަލައިގަތުމުގަ ވެސް ބޭރު ގައުމެއްގެ ހުއްދަ ހޯދަން ޖެހޭކަން، އެ ހިސާބަށް ކަންތައްތައް ގޮއްސަ މި އޮތީ އިނގޭތޯ،" ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް ޕާކިސްތާނަށް މީގެ ކުރިން ދާން ލިބުނު ފުރުސަތު ކެންސަލްކުރަން ޖެހުނުކަން މިސާލެއްގެ ގޮތުގައި ނަންގަވައި، އަވަށްޓެރި އިންޑިއާ އަށް ސަރުކާރުން ބަރޯސާވެފައި އޮންނަ އޮތުން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
އޭނާ ދެއްކެވި ވާހަކަ އާ ގުޅުވައި ދެ ނުކުތާ އެއް ފާހަގަކުރެއްވިއެވެ. އެއީ:
- ރާއްޖެ އަށް ނަން-ސްކިލްޑް ލޭބަރުން ނުވަތަ އާދައިގެ މަސައްކަތްތެރިން މިހާރު ގެނެވެނީ އެންމެ ގައުމަކުން ކަން
- ގިނަ ކަންކަން މިހާރު ކުރެވެނީ 'އެ ބޭފުޅުންގެ' ހުއްދަ އާ އެކު
މި ކަންކަމަށް ބެލުމުން ފެންނަނީ އަޅުވެތިކަން ކަމަށާއި، ދިވެހި ސަރުކާރުގެ އަމިއްލަ އިހްތިޔާރުގައި ކަންކަން ނިންމުމުގެ ފުރުސަތެއް ނެތްކަން ދަންނަވަން ޖެހެނީ އެ ސަބަބުތަކާ ހެދި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުގެ ތެރެއިން ފެންނަނީ 'އަޅުވެތިކަން' ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، މިފަދަ ކަންކަމަކީ ދޭދޭ ގައުމުތަކާ ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ފަދަ ކަންކަމެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ އަމިއްލަވަންތަކަން ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.
އިންޑިއާ ސިފައިން ތިބީ ކޮން ހިސާބަކުތޯ ކުރި ސުވާލަށް މުއިއްޒު ވިދާޅުވީ، ހަނިމާދޫގައި މިދިޔަ ރޯދަ މަހު ދުވާލު ވަގުތު އެ ރަށު މީހުންގެ ކުރިމަތީގައި ކައިބޮއެ ހަދާ ކަމުގެ ޝަކުވާތައް، އޭނާ ކެމްޕެއިން ދަތުރެއްގައި ވަޑައިގަތް ދުވަހު އެ ރަށުގެ މީހުން ކުރި ކަމަށެވެ. ހަމަ އެހެންމެ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ބޭއްވި ބަހުސްގައި، އަސްކަރީ ބޭނުމެއްގައި އެއްވެސް ގައުމެއްގެ ސިފައިން ގާއިމްވެފައި ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަފުޅަށް ވެސް މުއިއްޒު އިޝާރާތްކުރެއްވިއެވެ.
މި މަހުގެ ދެވަނަ ދުވަހު ބޭއްވި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަސްކަރީ ބޭނުމުގައި ތިބޭ ބޭރު ގައުމުތަކުގެ ސިފައިންނަކީ ރާއްޖޭގައި ގާއިމްވެ ތިބޭ ސިފައިން ނޫން ކަމަށެވެ. ނަމަވެސް އިންޑިއާގެ ސިފައިން ނެތް ކަމަށް އެމަނިކުފާނު ސީދާ ވިދާޅެއްނުވެއެވެ. ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮންނަ ކަމަށާއި، އަދި ހަމައެހެންމެ އެ ގައުމުގެ ސިފައިން ހަތިޔާރާ އެކު ތިބޭކަމަށް ކުރާ ތުހުމަތުތައް ރައީސް ތަކުރާރުކޮށް ދޮގުކުރައްވާފައިވެއެވެ.
ރާއްޖެ އަކީ އިންޑިއާ ކަނޑުގައި އޮތް އެންމެ ސުލްހަވެރި އަދި އަމާން އެއް ގައުމު ކަމަށާއި، އަންނަން ހުރި ޖީލުތަކަށް އެ ސުލްހަވެރިކަން ދަމަހައްޓަން ބޭނުންވާ ކަމަށާއި، ސަބަބަކީ ރާއްޖެ އަކީ ހިތްހަމަޖެހުމާ އެކީ އޮތް ގައުމަކަށް ވާން ބޭނުންވާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނުޖެހޭ ވަކި ގައުމެއްގެ އެޖެންޓަކަށް ވާކަށެއް، އަޅުގަނޑުމެން ނުޖެހޭ ވަކި ގައުމެއް ބުނާ ގޮތް ހަދާކަށެއް،" އޭނާ ވިދާޅުވިއެވެ.
"އަޅުގަޑުމެންގެ މިނިވަންކަން ޔަގީންކޮށްދޭހާ ހިނދަކު ކޮންމެ ގައުމަކީ ވެސް އަޅުގަނޑުމެންގެ ރަހުމަތްތެރި ގައުމެއް، އެއީ އެންމެ ކުޑަ ގައުމު ކަމަށް ވިޔަސް، އެންމެ ކައިރީގައި އޮތް ގައުމު ކަމުގައި ވިޔަސް، އެންމެ ދުރުގައި އޮތް ގައުމަށް ވިޔަސް، އެންމެ ބޮޑު ގައުމަށް ވިޔަސް،"