ކޮންމެ ގޮތަކަށް ރިޔާސީ އިންތިހާބު ނިމުނަސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ކުރެއްވި މަޝްވަރާގެ މާ ބޮޑު ތަފްސީލެއް ހާމަކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުޒުރުވެރިވެވަޑައިގެންފިއެވެ.
ރައީސާ ބައްދަލުކުރެއްވުމަށް ނަޝީދު ވަނީ ހެނދުނު 10 ޖަހާކަން ހާއިރު ރައީސް އޮފީހަށް ވަޑައިގެންފައެވެ.
ނަޝީދާ އެކު ބޭއްވި ކުރު ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ދެ ބޭފުޅުން މަޝްވަރާކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަމަށާއި، އެގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވީ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި ނިޒާމީ ވޯޓާ ގުޅޭގޮތުން ކަންކުރަންވީ ގޮތާ ގުޅޭގޮތުންނާއި، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭ އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ބޭފުޅުންގެ ނިއުޓްރަލް ސްޓޭންޑުގަ އެބޭފުޅުން (ޑިމޮކްރެޓުން) ތިއްބަވާނެ ވާހަކަ ވިދާޅުވީ، ނިޒާމީ ވޯޓުގަ އަޅުގަނޑުމެންނަށް ވާހަކަ ދެކެވުނީ ރިޔާސީ އިންތިހާބަށް ފަހުގަ އޭގެ މަސައްކަތްތައް ފަށައިގަތުމަށް އަޅުގަނޑު ވެސް ދެން އިލެކްޝަންސް ކޮމިޝަނުގަ އެކަމަށް އެދި ކުރިއަށް ދިއުމާ ބެހޭ ގޮތުން،" ނަޝީދާ ކުރެއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ކުރު ހުލާސާ އެއް ދެއްވައި ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ނޫސްވެރިޔަކު ވަނީ ނިޒާމީ ވޯޓާ ގުޅިގެން ދެ ބޭފުޅުންގެ ދެމެދުގައި އެއްބަސްވެވަޑައިގެންނެވުނު ކަންކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ނަތީޖާ ކޮންމެ ގޮތަކަށް ނިމުނަސް ނިޒާމީ ވޯޓުލުން ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
މީގެ ކުރިން ސިޔާސީ މައިދާނުގައި އެކީގައި މަސައްކަތްކުރެއްވި ދެ ބޭފުޅުން ގިނަ ދުވަސްތަކަކަށް ފަހު އެއް ތަނަކުން ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ރައީސާ އެކީ ސިޔާސީ މަސައްކަތްތައް ނުކުރައްވާނެ ކަމަށް ނަޝީދު ވަނީ އެކިފަހަރު މަތިން ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ނަޝީދުގެ ޑިމޮކްރެޓުން ވަނީ ދެވަނަ ބުރުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދާދި ފަހުން ނިންމައިފައެވެ.