އިންތިހާބުގެ ނަތީޖާތައް އޮޅުވާލުމުގެ ތުހުމަތުތައް އޮންނަ ބަންގްދޭޝްގެ އާންމު އިންތިހާބުގައި އެފަދަ ކަންކަން ކޮށްފާނެ ކަމަށް ބެލެވޭ އޮފިޝަލުންނަށް ވިސާ ދިނުމުގައި ދަތި ކުރާނެކަމަށް އެމެރިކާއިން ބުނުމުން ބަންގްލަދޭޝް އިން އެކަމަށް ގޮންޖަހައިފިއެވެ.

ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އަބްދުލް މޯމެން ވިދާޅުވީ، އެމެރިކާ އަކީ ސްޕާ ޕަވާއެއް ކަމުން ދުނިޔޭގެ މައްޗަށް ހަންފެތުރިދާނެ ކަމަށާއި، ނަމަވެސް ބަންގްލަދޭޝް އަކީވެސް އެމެރިކާ ފަދަ ޑިމޮކްރަސީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބާ ގުޅުވާ، ވިސާއަށް ހުރަސް އަޅާނެ ކަމަށް އެމެރިކާއިން ބުނާ ބުނުމާމެދު އެއްވެސް ފަރުވާލެއް ނެތް ކަމަށާއި، އަމިއްލަ ގައުމުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

160 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްދޭޝްގެ އާމްނު އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތައް ހިފާ ހައްޔަރު ކޮށް ޖަލަށް ލުމާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތައް ވެސް ޖަލަށް ލައިފައި ވާ މައްސަލަ ބޮޑުވެފައި ވާ މި ދަނޑިވަޅުގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ، އެމެރިކާއިން އަޅަން ނިންމި ފިޔަވަޅަކީ މިނިވަން އިނސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

2014 އަދި 2018 ގައި އޮތް އިންތިހާބުގައިވެސް ވޯޓު އޮޅުވާލުމުގެ ބޮޑެތި ތުހުމަތުތައް ކޮށް އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކޮށްފައި ވާ އިރު، ދެ އިންތިހާބުވެސް ކާމިޔާބުވި ކަމަށް އިއުލާން ކުރީ ޝައިހް ހަސީނާގެ އަވާމީ ލީގް (އޭއެލް) ޕާޓީއެވެ.

އެެމެރިކާއިން ވިސާ ތާށި ކުރަން ބުނި ފަރާތްތަކުގެ ތެރޭގައި އަވާމީ ލީގްގެ އިސް ބައެއް މެންބަރުންނާއި އެ މެންބަރުންގެ އާއިލާތައްވެސް ހިމެނެއެވެ.

އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވަން ތާވަލު ކޮށްފައި ވާ އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތައް ހައްޔަރު ކުރުމާއި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ތަފާތު ހަރަކާތްތަކާ ގުޅިގެން އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން އިހުތިޖާޖުތަކާއި މުޒާހަރާތައް ބައްވަމުން ދާތާ މިހާރު ކިތަންމެ ދުވަހެކެވެ. އިދިކޮޅުން ގޮވާލަމުން ދަނީ އިންތިހާބަށް ޓަކައި ވަގުތީ ސަރުކާރެއް އެކުލަވާލައި އެ ސަރުކާރުގެ ބެލުމުގެ ދަށުން އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އެކަން އެހެން ވާން ނެތް ކަމަށް 2011 ގައި ސްޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނީ، އެއިރުންސުރެ ވެރިކަމުގައި އޮތް އަވާމީ ލީގްގެ ބާރުގައި ކަމަށް ބުނެއެވެ.

އަވާމީ ލީގް 2008 ގައި ވެރިކަމަށް އައި އިރު އެ އިންތިހާބު ބޭއްވީ ކެއާ ޓޭކާ ގަވަމަންޓް [ވަގުތީ ސަރުކާރު] އެއް އެކުލަވާލައި އެ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ.

ބަންލަދޭޝް އަކީ އަންނައުނުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ގައުމަކަށް ވާއިރު، އެގައުމުގެ އުފެއްދުންތައް އެއްނެމް ގިނައިން ބޭރުކުރަނީ އެމެރިކާ އާއި ޔޫރަޕަށެވެ. އެ ދެފަރާތުން ކަންބޮޑުވުން ފާޅުކުރަމުން ދާ މި ދަނޑިވަޅުގައި އެމެރިކާއިން ވިސާއަށް ދަތިކުރަން ނިންމި ލިސްޓުގައި ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ މެންބަރުންވެސް ހިމެނެއެވެ.