ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީއެންސީ އާއި އެމްޑީޕީން ތައްޔާރުވަމުން އަންނަ އިރު، އެ ދެ ޕާޓީއާއެކު ވެސް ކޯލިޝަން ނުހަދަން ނިންމި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އިސް މެންބަރުންނާ އެކު ގިނަ ބަޔަކު ދެވަނަ ބުރުގައި ވާދަ ކުރާ ދެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާ ސޮއި ކޮށްފިއެވެ.

ކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދާއެކު އެޕާޓީގެ ގިނަ ކައުންސިލް މެންބަރުންތަކެއް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ބައިއަތު ހިއްޕަވައިފިއެވެ.

ގިރާވަރު ކޮމިޓީއާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ނައިބް ރައީސް އަދި ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދާއެކު އެޕާޓީގެ ގިނަ ކައުންސިލް މެންބަރުންތަކެއް ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.

މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި ޖޭޕީގެ މެންބަރުންގެ ތެރޭގައި ޖިހާދުގެ އިތުރުން، ޖޭޕީގެ ސްޕެޝަލް އެޑްވައިޒު އިރުތިޝާމް އަލީ، ޖޭޕީގެ ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ޖޭޕީގެ ޒުވާނުންގެ ލީގުގެ ރައީސް ޔާމިން ރަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ހަސަން މުޢުނީ އާއި ޖޭޕީގެ ކައުންސިލް މެންބަރު އިބްރާހިމް ދީދީ، އަދީލް އަލީ، މުހައްމަދު ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ފުރަތަމަ ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް، މަޝްހޫރު ފިލްމީ ތަރި އާމިނަތު ރިޝްފާ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މަޝްހޫރު ބައިބަލާ ތަރި ބީޖީ ސަނީ، ގާފަރު މޮނިއުނިޓީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ މާޖިދު ވެސް ހިމެނިވަޑައިގަންނަވައެވެ. މި އެންމެން ވެސް ވަނީ ޕީޕީއެމަށް ސޮއިކޮށް މެންބާޝިޕް ފޯމު މުއިއްޒު އާ ހަވާލުކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ޖޭޕީގެ ބައެއް މެންބަރުން

ޕީއެންސީއަށް ޖޭޕީގެ ބައެއް މެންބަރުން ސޮއިކޮށްފައިވާ އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޖޭޕީގެ އިސް މެންބަރުންތަކެއް ތާއީދު ކުރަން ވަނީ ނިންމާފައެވެ. އެ ގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިން މޭޓެއްގެ ގޮތުގައި ނިކުމެވަޑައިގެން އަމީން އިބްރާހިމް އާއި ކުރީގެ ހެލްތް މިނިސްޓަރު އަމީން އިބްރާހިމް އާއެކު ގިނަ އަދަދެއްގެ ޖޭޕީގެ މެންބަރުން ރައީސް އަށް ތާއިދުކުރައްވަން ވަނީ ނިންމަވާފައެވެ.

އެ މެންބަރުން ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެކަން އިއުލާން ކޮށްފައި ވަނީ މިރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށަން ހަފްތާއަކަށް ކުޑަތަން ވެފައިވާ އިރު، ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ދަނީ ވަރަށް ފޯރިއާއެކު ކެމްޕެއިންގެ ހަރަކާތްތައް ހިންގަމުންނެވެ. ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތަކުގައި ޑރ. މުއިއްޒު ބައެއް ރަށްރަށަށް ވަޑައިގެންފައިވީ ނަމަވެސް ދެވަނަ ބުރުގެ ކެމްޕެއިނަށް ރައީސް ސޯލިހް ފެންނަނީ މާލޭގައި ކުރިއަށް ދާ ހަރަކާތްތަކުގައި ބައިވެރިވެވވަޑައިގަންނަވާ މަންޒަރެވެ. އެމަނިކުފާނު އަތޮޅުތަކަށް ވަޑައިނުގަތް ނަމަވެސް ރަށްރަށުގައި ވެސް އެމްޑީޕީގެ އިސް މެންބަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.